ޚަބަރު

ގެއްލުނު މީހާ ހޯދަން ކައިރި ރަށްތައް ވެސް ބަލައިފި، އަދިވެސް ނުފެނޭ

އަލީ ސަމާޙް ، ދެން އޮންލައިން

މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް ހުކުރު ދުވަހު ދަތުރު ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މ. އަސަރީ ހަނދާން، ތަސްލީމު މުހައްމަދު (43އ) ހޯދަން އެ ފިނޮޅާ ކައިރިގައިވާ ރަށްތައްވެސް ބަލާފައިވާ ކަމަށާއި، އަދި މިހާތަނަށް ފެނިފައިވާނުވާ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.

Ads by Hajj Corporation

ރައްޓެހިންތަކަކާއެކު ދަތުރު ދިޔަ ތަސްލީމު އެންމެ ފަހުން ފެނިފައި ވަނީ ހުކުރު ދުވަހު ހެނދުނު 10:00 އާއި 11:00 ހާއިރު ފިނޮޅުން ކަމަށް އޭނާއާ އެކު ދަތުރުދިޔަ މީހުން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.

ތަސްލީމު ހޯދަން ފިނޮޅު ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެންނާއި 3000 އަކަ ފޫޓު ކަނޑުއަޑިން ޑައިވްކޮށްގެން ސިފައިން ވަނީ ބަލާފަ އެވެ.

އެކަމަކު އެ މީހާ ގެއްލިފައިވަނީ މޫދަށްކަން ކަށަވަރު ކުރެވިފައި ނުވާތީ އާއި މެރިޓައިމް ސާޗް އެންޑް ރެސްކިއުން އިން ކޭސް އެއް ގޮތުގައި ރަޖިސްޓްރީކޮށްފައި ނުވާތީ އޭނާ ހޯދުމުގެ އޮޕަރޭޝަން މިހާރު ލީޑުކުރަމުން ދަނީ ފުލުހުންނެވެ.

އޮޕަރޭޝަންގެ އެންމެ ފަހުގެ މައުލޫމާތު "ދެން އޮންލައިން" އާ ހިއްސާކުރަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަސްލީމް ހޯދުމުގެ އޮޕަރޭޝަންގައި ކ. އަތޮޅުގެ ރަށްތަކުގައި ގާއިމްވެގެން ތިބި ފުލުހުންވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ނަމަވެސް އަދި މިހާތަނަށް އޭނާގެ ހަބަރެއްވެފައިނުވާ ކަމަށެވެ. އެހެން ނަމަވެސް އޮޕަރޭޝަން ކުރިއަށްދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ތަސްލީމުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަދި މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު އެ ފިނޮޅަށް ދަތުރު ބަޔަކު ގޮސްފައިވާނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9794639 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!