ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ މުދާ އެތެރެކޮށްފައި ވަނީ މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަޖީހް ވިދާޅުވީ ރާއްޖޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލުތައް، އެންމެ ރަގަޅަށް ވަޒަން ކުރެވޭނެ އެއް ކަމަކީ ރާއްޖެއަށް އެތެރެވަމުންދާ މުދަލުގެ އަދަދަށް އަންނަމުންދާ އުނި އިތުރުވުމަކުން ކަމަށެވެ.
ވަޖީހުގެ ޕޯސްޓުގައި ވަނީ ކޮންމެ އަހަރެއްގައި އެވްރެޖްކޮށް މަހެއްގެ މައްޗަަށް ކާގޯ އެތެރެކުރެވިފައިވާ މިންވަރު ފެންނަ ދެ ގްރާފެއް ހިއްސާކޮށްފަ އެވެ.
ރާއްޖޭގެ ތާރީހަށް ބަލާއިރު މީގެކުރިން، ކޮންޓެނަރައިޒް ކާގޯ އެންމެ ގިނައިން ރާއްޖެއަށް އެތެރެކޮށްފައި ވަނީ 2018 ވަނަ އަހަރު އެވެ. ރާއްޖޭގެ އިގުތިސޯދަށް އަންނަމުންދާ ބަދަލުތައް ވަޒަންކުރުމަށް، އެ ދެ ގްރާފުން ދައްކައިދީފައި ވަނީ، 2018 ވަނަ އަހަރުން ފެށިގެން މި އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ކޮންމެ އަހަރަކު ވެސް އެވްރެޖްކޮށް މަހެއްގެ މައްޗަށް ރާއްޖެއަށް ޖެނެރަލް ކާގޯ އާއި ކޮންޓެނަރައިޒް ކާގޯ އެތެރެ ކުރެވިފައިވާ މިންވަރުކަން ފާހަގަކުރެއްވި އެވެ.
މިިދިޔަ ހަތް އަހަރު ކޮންޓެއިނާ ކާގޯ އެތެރެކޮށްފައިވާ ގޮތް:
- 2018 - 5،250 ޓަނު
- 2019 - 5،167 ޓަނު
- 2020 - 3،667 ޓަނު
- 2021 - 4،038 ޓަނު
- 2022 - 5،083 ޓަނު
- 2023 - 5،167 ޓަނު
- 2024 - 5،375 ޓަނު
މިދިޔަ ހަތް އަހަރު ޖެނެރަލް ކާގޯ އެތެރެކޮށްފައިވާ ގޮތް:
- 2018 - 8،167 ޓަނު
- 2019 - 7،333 ޓަނު
- 2020 - 7،083 ޓަނު
- 2021 - 7،833 ޓަނު
- 2022 - 8،833 ޓަނު
- 2023 - 9،750 ޓަނު
- 2024 - 12،625 ޓަނު
"ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށިގެން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރެވިފައިވާ މުދަލުގެ އަދަދު ރާއްޖޭގެ ތާރީހުގައި ދުވަހަކުވެސް އިތުރު ނުވާ މިންވަރަށް އިތުރުވެފައިވާ ކަމެވެ،" ގްރެފިކްސް ހިއްސާކުރައްވާ ވަޖީހް ވިދާޅުވި އެވެ.
ވަޖީހް ވިދާޅުވި ގޮތުގައި އެކަމުން ދައްކައި ދެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުމާ އެކު، ރާއްޖޭގެ އިގުތިސޯދަށް ހެޔޮ ބަދަލު އަންނަން ފަށައި، އިގުތިސޯދު ކުރިއަރަން ފަށާފައިވާކަން ކަމުގަ އެވެ.
އިތުރަށް ވިދާޅުވީ މިހާރު ފެށުމަށް ތައްޔާރުވަމުންދާ މިސަރުކާރުގެ މުހިންމު ޕޮރޮޖެކްޓްތައް ފެށުމުން، ރާއްޖޭގެ އިގުތިސޯދު ދުވަހަކުވެސް ކުރިއަރާފައި ނުވާ މިންވަރަށް ކުރިއަރައި، ރައްޔިތުންގެ ފުދުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ.