އަތުހަރު މަރުވި މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގަން ޖަމިއްޔާތަކުން ގޮވާލައިފި
އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނުކުރި މައްސަލާގައި ބަންދުކޮށްފައި ހުއްޓާ މަރުވި އާދަމް އަތުހަރުގެ ހައްޔަރާއި މަރުވި މައްސަލައިގެ މިނިވަން ތަހުގީގެއްގެ ހިންގަން މިނިވަން ޖަމިއްޔާތަކުން ގޮވާލައިފި އެވެ.
އަތުހަރު ބަންދުގައި ހުރެ އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ހާލު ދެރަވެ ފަރުވާދެމުން ދަނިކޮށް މަރުވީ އިއްޔެ ހަވީރު އެވެ. އެކަމާ ގުޅިގެން އަތުހަރުގެ ޕޯސްޓްމޯޓަމް ހަދަން އޭނާގެ އާއިލާއިން ދެކޮޅު ހެދިޔަސް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭގައި ވަނީ ވިދާޅުވެފަ އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސާއި، އެސޯސިއޭޝަން ފޯ ޑިމޮކްރެސީ އިންދަ މޯލްޑިވްސާއި އަދި މެންޓަލް ހެލްތް ސަޕޯޓް ގުރޫޕް އިން ރޭގައި ނެރުނު ބަޔާނުގައި ބުނީ އަތުހަރާ މެދު ކަންތައްވީ ގޮތާއި މެދު ކަންބޮޑުވުންތަކެއް އެބައޮތް ކަމަށެވެ.
އޭނާ މަރުވާން ދިމާވި ހާލަތު މިނިވަން އިންސާފުވެރި އަދި ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން އަދި ކަމާއި ގުޅުން ހުރި އެންމެހާ މުއައްސަސާތަކަށް އެ ޖަމިއްޔާތަކުން ވަނީ ގޮވާލާފަ އެވެ.
ވަކިން ހާއްސަކޮށް އޭނާ ހައްޔަރުކުރި އިރު ބާރުގެ ބޭނުން ކުރެވުނު ގޮތާއި، އަދި އޭނާގެ ސިއްހީ ހާލަތަށް ބަލާއިރު ރިމާންޑްގައި ބަންދުކުރުމަށް ނިންމުނު ސަބަބުތައް ބެލުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ފެންނަ ކަމަށްވެސް އެ ޖަމިއްޔާތަކުން ބުނި އެވެ.
"މި ތަހުގީގުތައް ކުރުމުގައި އާއިލާއަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމާއި، އާއިލާއަށް އިހުތިރާމް ކުރެވޭ ފަދަ ގޮތަކަށް ތަހުގީގު ކުރުމަށްވެސް މުއައްސަސާތަކަށް ގޮވާލަން" ޖަމިއްޔާތަކުން ބުންޏެވެ.
އޭގެ އިތުރުން ޖަމިއްޔާތަކުން ވަނީ ބަންދުގައި ބައިތިއްބާ ފަރާތްތަކުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރު ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމުން، އިސްލާހީ ބަދަލުތައް އަވަހަށް ގެނައުމަށް ދައުލަތައް ގޮވާލާފަ އެވެ.
ބަޔާނުގައި އިސްލާހުގެ ގޮތުގައި ފާހަގަ ކޮށްފައިވާ ބައެއް ކަންކަމަކީ ތަހުގީގު ހާމަކަން ބޮޑު ގޮތަކަށް އަވަހަށް ހިންގާ، ތަހުގީގުން ފާހަގަވާ ކަންކަން ހާމަކުރުމާއި، ރަހީނުކުރެވޭ ހާލަތްތައް ފަދަ ހާއްސަ ހާލަތްތަކުގައި ގެންގުޅޭ އުސޫލުތަކާއި އިޖުރާއަތްތައް މުރާޖާކުރުމާއެކު، އެފަދަ ހާލަތްތަކުގައި މައިގަނޑު އަމާޒަކަށްވަނީ ކްރައިސިސް އިންޓަވެންޝަން އަދި ޑީއެސްކެލޭޝަން ޓެކްނީކްސް ބޭނުންކުރުން ކަމުގައި ޔަގީންކުރުން ކަމަށެވެ.
ހަމައެއާއެކު ކަސްޓޯޑިއަލް ޖަލުތަކާއި ބެހޭ ނިޒާމް އިސްލާހުކުރުމަށް ކުރެވޭ މަސައްކަތުގައި ހިންގުމުގެ ނިޒާމް ހަރުދަނާކުރުމުގެ އިތުރުން ކަމާ ބެހޭ ހުރިހާ އިދާރާތަކެއްގައި ރިހެބިލިޓޭޝަން އަދި ރީ-އިންޓެގްރޭޝަންގެ ހިދުމަތްތައް ބަނދުގައި ތިބޭ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ކަށަވަރުން ކުރުން ފަދަ ކަންކަން ވެސް ވަނީ ބަޔާނުގައި ފާހަގަކޮށްފަ އެވެ.