ބޭރު މީހުން ސެކިއުރިޓީސްގެ ބާވަތްތަކުގައި އިންވެސްޓުކުރުމާ ގުޅޭ ބިލު ތަސްދީގުކޮށްފި

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ސެކިއުރިޓީޒްގެ ބާވަތްތަކުގައި އިންވެސްޓްކުރެވޭ ގޮތަށް އުސޫލުތައް ކަނޑައަޅުމަށް ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ތަސްދީގުކޮށްފި އެވެ.
އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.
އަދި އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިއަދު އެވެ.
މިއަދު ތަސްދީގުކުރި ބިލުގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރުމާބެހޭ ގާނޫނާ އެއްގޮތްވާގޮތުގެމަތީން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގައި ހުއްދަކުރެވޭ ސެކިއުރިޓީޒްގެ ބާވަތްތަކުގައި އިންވެސްޓްކުރެވޭނެ އުސޫލުތައް ކަނޑައެޅިދާނެކަމަށް ބުނެފައި ވެއެވެ.
އެ އުސޫލުތައް ކަނޑައެޅުން ހިިމަނާފައި ވަނީ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ.) ގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ މެންޑޭޓްގެ ތެރޭގަ އެވެ.
އަދި ސްޓޮކް އެކްސްޗޭންޖްގައި ސެކިއުރިޓީޒް ގަނެވިއްކުމުގެ މުޢާމަލާތްތައް ހިންގަނީ ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމަށް މޮނިޓަރިންގ އަދި ކޮމްޕްލަޔަންސް މެކޭނިޒަމެއް ޤާއިމުކުރުމަށް ވެސް ސީ.އެމްޑީގެ މައްޗަށް އެ ބިލުން ލާޒިމުކޮށްފައިވެއެވެ.