ޚަބަރު

އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި މީހަކު ބުނީ އެއީ އުކާލަން ބަހައްޓާފައި ހުރި ތަކެތި ކަމަށް!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓު/ ފޮޓޯ:ދެން

އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި މައްސަލާގައި ފުލުހުން ސުވާލުކުރުމުން އެއީ އުކާލަން ބަހައްޓާފައި ހުރި ތަކެތި ކަމަށް ހައްޔަރުކުރި މީހަކު ބުނެފި އެވެ.

Ads by STELCO

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އިލެކްޓްރޯނިކް ސާމާނުތަކެއް އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ. އަދި އޭނާ ވަގަށް ނަގާފައިވާ އިލެކްޓްރޯނިކް ސާމާނުތަކުގައި އަގު ޖަހާފައި ހުރިއިރު އެއީ އާ ތަކެތި ކަމަށް ކޯޓު އަމުރުން އެނގެ އެވެ.

އެ މީހާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ. އަދި އޭނާގެ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތައް ހިމެނޭ ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެ އެވެ.

މިދިޔަ ހަފްތާގައި މާލޭގެ މާފަންނު ގެއަކުން އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި އެ މީހުން ފޭރިގަނެފައިވަނީ ނިދާފައި ތިބި ދެ މީހެއްގެ ކަރުގައި ވަޅިޖައްސައިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!