ޚަބަރު އިޖުތިމާޢީ

ޒުވާނުންގެ އިނާމަށް އަލުން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޒުވާނުންގެ އިނާމަށް އަލުން ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި / ފޮޓޯ:ޔޫތު މިނިސްޓްރީ

މި އަހަރުގެ ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުުރުސަތު ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

Ads by MWSC

ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ.

އޭގެ އިތުރުން ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެ ގޮތުގައި ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ދޭނެ އެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު އެވެ. މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.

މި އަހަރު އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:

  • ވިޔަފާރި އާއި އިގުތިސޯދު
  • އާޓްސް އެންޑް ކަލްޗަ - ފަންނުވެރިކަމާއި ސަގާފަތްދިރުވުން
  • މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން
  • ދަރުމަވެރިކަން
  • ވޮކޭޝަނަލް ޓްރެއިނިން – ދަސްކޮށްދިނުން
  • ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
  • ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުން
  • މަސްވެރިކަމުގެ ދާއިރާ
  • ދަނޑުވެރިކަމުގެ ދާއިރާ
  • މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން
  • ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
  • ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
  • ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުން
  • ކުޅިވަރުގެ ދާއިރާއިން – ކުޅިވަރުގެ ދާއިރާއިން އާދަޔާއި ހިލާފް ހުނަރެއް ދައްކާފައިވާ ފަރާތަކަށް
  • ފަންނިއްޔާތުގެ ދާއިރާ
  • ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ

ޔޫތު މިނިސްޓްރީން އިއްޔެ ސަރުކާރުގެ ގެޒެޓުކުރި އިއުލާނެއްގައި ބުނީ އިނާމަށް ނަން ހުށަހެޅުމަށް ޝަރުތު ހަމަވާ ފަރާތްތަކުން، އަލުން ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 02:00 އަށް ހުޅުވާލާފައިވާ ކަމަށެވެ. ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި އެޕްލިކޭޝަން ގޫގުލް ލިންކް މެދުވެރިކޮށް ނުވަތަ ސޯޝަލް ސެންޓަރަށް ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ. ޔޫތު މިނިސްޓްރީން އިތުރަށް ބުނީ ކުރިން އެޕްލިކޭޝަން ފުރިހަމަ ކުރުމަށްފަހު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!