ބޮލީވުޑް މުނިފޫހިފިލުވުން

ކަރީނާގެ ދަ ބަކިންގްހަމް މާޑާޒް ހުކުރު ދުވަހު ސިނަމާތަކަށް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ކަރީނާ ކަޕޫރު ހާން ލީޑް ރޯލުން ފެންނަ "ދަ ބަކިންގްހަމް މާޑާޒް" އަންނަ ހުކުރު ދުވަހު ސިނަމާތަކުގައި އަޅުވަން ތައްޔާރުވެއްޖެ އެވެ.

Ads by Sosun Fihaara

މިފިލްމަކީ މިސްޓްރީ ތްރިލާ އެކެވެ. ފިލްމުގައި ފެންނާނީ އެކަނި ދަރިފުޅު ބަލަމުން ދިޔަ މަޔަކު އޭނާގެ ދަރިފުޅު ގެއްލުމުން ދެން ދިމާވާ ހާދިސާތަކެކެވެ. ކަރީނާ ކުޅޭނީ އެކަނިވެރި މަންމައެއްގެ ރޯލެވެ.

"ދަ ބަކިންގްހަމް މާޑާޒް" ގައި ކަރީނާ އަދާކުރާނީ ކޮޕެއްގެ ރޯލެވެ. މިއީ މިފަދަ ރޯލެއް އޭނާ ކުޅޭނެ ފުރަތަމަ ފަހަރެވެ.

25 އަހަރު ބޮލީވުޑްގައި ލީޑް ރޯލު ކުޅުމަށްފަހު ފުރަތަމަ ފަހަރަށް ކަރީނާ ޕްރޮޑަކްޝަނަށް ވަނީ މި ފިލްމުންނެވެ. ކަރީނާގެ އިތުރުން މި ފިލްމު ޕްރޮޑިއުސް ކުރަނީ ޝޯބާ ކަޕޫރް އާއި އޭކްތާ ކަޕޫރެވެ.

"ދަ ބަކިންގްހަމް މާޑާޒް" ގެ މުހިންމު ރޯލުތަކުން ކެއިތު އެލެން، ރަންވީރް ބްރާރް، ކްރިސް ވިލްސަން، އޭޝް ޓަންޑަން، ކަޕިލް ރެޑޭކަރް، ޖޮނަތަން ނަޔާތީ، ޑެރެން ކެމްޕް، ޗާލްސް ކްރެޑޮކް، ރުކޫ ނަހާރް، ހަގީ އަލީގެ އިތުރުން އެޑްވޯ އެކޮޓޯ ފެންނާނެ އެވެ.

މި ފިލްމު މިއަހަރު ސިނަމާގައި އަޅުވާއިރު މިދިޔަ އަހަރު އޮތް 67 ވަނަ ބީއެފްއައި ލަންޑަން ފިލްމު ފެސްޓިވަލްގައި ޕްރިމިއާ ކޮށްފައި ވެއެވެ. މީގެ އިތުރުން ނީތާ މުކޭޝް އަމްބާނީ ކަލްޗަރަލް ސެންޓަރުގައި އޮތް މުމްބާއީ ފިލްމު ފެސްޓިވަލްގައިވެސް ވަނީ ޕްރިމިއާ ކޮށްފަ އެވެ. ސިނަމާތަކުގައި އެޅުވުމަށްފަހު "ދަ ބަކިންގްހަމް މާޑާޒް" އަންނާނީ ނެޓްފްލިކްސް އަށެވެ.

މިދިޔަ އަހަރުވެސް ކަރީނާ ވަނީ "ޖާނޭ ޖާން" ނަމުގައި ނެޓްފްލިކްސްގައި ރިލީޒް ކުރި މާޑާ މިސްޓްރީއިން ފެނިގެން ގޮސްފަ އެވެ. ނެޓްފްލިކްސްގައި ބޮޑު ތަރުހީބެއް ލިބުނު މި ފިލްމުގައި ކަރީނާ އަދާކުރި ރޯލަށް ސަމާލުކަން ލިބުނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!