ޚަބަރު

ސަމާހުގެ މަރުގެ ތަހުގީގާ ގުޅޭ ގޮތުން އަސާސެއް ނެތް ވާހަކަތައް ނުފަތުރަން އިލްތިމާސްކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރޭސް ކާރަކުން ޖެހި ހިނގި އެކްސިޑެންޓުގައި ނިޔާވި ހަސަން ސަމާހު

'މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވި ލ. އިސްދޫ / ބީޗްހައުސް، ހަސަން ސަމާހުގެ މަރުގެ ތަހުގީގާ ގުޅޭ ގޮތުން އަސްލެއް ނެތް ވާހަކަތައް ނުފެތުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

Ads by STELCO

ސަމާހުގެ މަރާ ގުޅިގެން އެކި ގޮތްގޮތަށް ސޯޝަލް މީޑިއާގައި ބަޔަކު ދަނީ ވާހަކަތައް ފަތުރަމުން ނެވެ.

ނަމަވެސް ސަމާހުއާ ގުޅޭ ގޮތުން ދައްކަމުންދާ އެއްވެސް ވާހަކައެއް ރަސްމީ އިދާރާއަކުން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ހުދު ފުލުހުން ވެސް މިރޭ ބުނީ ސަމާހުގެ މަރުގެ ތަހުގީގު ކުރިއަށްދާ ގޮތާއި، މިހާތަނަށް ލިބިފައިވާ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.

ހަމަ އެހެންމެ އެ ހާދިސާއާ ގުޅިގެން އަސާސެއް ނެތް ތަފާތު ތުހުމަތުތައް ކުރުމަކީ މަރުހޫމްގެ އާއިލާއަށް އިތުރު ހިތްދަތިކަން ލިބި، ފުލުހުން ހިންގަމުންގެންދާ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއްކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެންކަމުން، ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ސޯޝަލް މީޑިއާގައާއި އެހެނިހެން ވަސީލަތްތަކުގައި ނުފެތުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސަމާހު ނިޔާވީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކަރަކާ އޭނާ ދުއްވަން އިން ސައިކަލު ޖެހި އެކްސިޑެންޓްވެގެން ނެވެ. އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ސަމާހުގެ ބޮލަށާއި މޫނަށް އަނިޔާވިއިރު، ގިނަ އަދަދަކަށް ލޭ ވެސް ހަށިގަނޑުން ބޭރުވި އިރު އޭނާ ނިޔާވީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ ހާދިސާއާ ގުޅިގެން ސްޕޯޓްސް ކާރު ދުއްވަން އިން އައްޑޫ ސިޓީ ހިތަދޫ ވައިލެޓްފެހި، އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމް ސިއްދީގު ވަނީ ހައްޔަރުވެސްކޮށްފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!