ނަން އިއްވައިގެން މައިތިރިވާ ވަރަށްވުރެ ގޭންގު މީހުން މާ ހަޔާތްކުޑަވާނެ: އުމަރު
މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުށްކުރުމުގައި ހަރަކާތްތެރިވާ ގޭންގުތަކުގައި އުޅޭ މީހުންގެ ނަން އިއްވާ ފަލީހަތްކޮށްގެން އެ މީހުން "މައިތިރި"ވާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ގޭންގު ކުށްތައް ހުއްޓުވުމަށް ސަރުކާރުން އަންނަނީ ޚާއްސަ ގާނޫނެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. ސަރުކާރުން ޑްރާފްޓު ކުރި ބިލުގަައި ގޭންގުތަކަކީ ކޮބައިކަމާއި ގޭންގުތަކަށް ނިސްބަތްވާ މެންބަރުންގެ އިތުރުން އެ ގޭންގުތަކުގެ ލީޑަރުން ކަނޑައެޅުމަށް ހާއްސަ ކޮމެޓީއެއް އެކުލަވައިލާ މަސައްކަތް ކުރަން ވަނީ ނިންމާފައެވެ.
އެކަމަށް ފާޑު ވިދާޅުވަމުން, "ދެން"އިން ގެނެސްދޭ ހަވާސާއިން ބޭރުން ޕްރޮގްރާމުގައި އުމަރު ވިދާޅުވީ, އެފަދަ ކަންކަމަކީ ވަރަށް 'ސޮޕްޓް' އެޕްރޯޗެއް ކަމަށާއި, އެފަދަ ކަންކަމަށް ކުށްވެރިން ޖެހިލުން ނުވާނެ ކަމަށެވެ.
"ގޭންގްތަކުގެ ނަން އިއްވާނަމޭ އެބަ ބުނޭ, އޭތި ވޯކެއް ނުކުރާނެ. އެމީހުން އެއަށް ވުރެ ހަޔާތް ކުޑަވާނެ, މަޖިލިސް ފްލޯގައި ވެސް އެ ނަން އިއްވަނީ ނޫންތޯ. ގޭންގް މީހުން މައިތިރި ކުރެވޭނީ އެ މީހުންގެ ގައިގައި އަތް ލައިގެން. އަތްލާފަ, ޓެގް އެޅުވިޔަސް, އަތްލާފަ, ޖަލަށް ލިޔަސް, އަތްލައިިގެން" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ގޭންގުތައް ހުއްޓުވަން އިތުރު ގާނޫނެއް ބޭނުންނުވާ ކަމަށާއި އެމަނިކުފާނު މިނިސްޓަރުކަމުން ވަކިވިއިރު, އެކަމަށް ބޭނުންވާ ގާނޫނުތަކާއި އޮނިގަނޑުތައް އޮންނާނީ ހަދާ ނިންމާފައި ކަމަށެވެ.
"އަޅުގަނޑު ވަޒީރު ކަމުން ނިކުތްއިރު ގާނޫނުގެ ތެރެއިން ގޭންގްތައް ހުއްޓެވޭނެ ގޮތް އޮންނާނީ ހޯދާފަ. މޮނިކޮމް ގާނޫނު އޮންނާނެ. ސަރުކާރުގެ ޓޫލެއް އެބައޮތް, ސާމާނު އެބައޮތް. މޭންޕަވަރ އެބަ އޮތް" އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ, މޮނިކޮމް ގާނޫނަކީ ގޭންގުތަކުން އެންމެ ބިރު ގަންނަ ގާނޫނު ކަމަށެވެ. އެކަމުގެ ހެއްހަކަށް އެ ގާނޫނު ވުޖޫދުކޮށް ޓެގް އަޅުވަން ފެށުމުން އެ މަނިކުފާނަށް ކުރިމަތިވި ޕްރެޝަރު ހެކިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ނިކުތީ 43 މީހުން ގައިގައި ޓެގް ވެސް އަޅުވާފަ. އޭގެ ފަހުން އައި އެއްވެސް ސަރުކާރަކަށް, އެންމެ ޓެގެއް ވެސް އަޅުވާނުލެވުނު" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ, ގޭންގުތަކާ ދެކޮޅަށް ނިކުންނަން ޖެހޭނީ މީހާ "ފުޑުނަސް" ހެޔޮ ކަމަށް ގަބޫލުކޮށްގެން ކަމަށެވެ. އެގޮތުން ރާއްޖޭގައި ގޭންގުތައް ހިންގަނީ މުޅި ދައުލަތުގައި މޫލައިގެން ކަމަށް ވިދާޅުވީ މަޖިލީހުގަޔާއި ސަރުކާރުގެ އިދާރާތަކުގެ އިތުރުން ކޯޓުތަކުގައި ވެސް ގޭންގެ މީހުންނަށް މައުލޫމާތު ފޯރުކޮށްދޭ, އަދި އެ މީހުންގެ "ޕޮކެޓް"ގައި ގިނަ ބަޔަކު ތިބިކަންކަމަށް ވިދާޅުވިއެވެ.
މި ގޮން ޖެހުންތަކާއެކު ވެސް މިހާރު ހުންނެވި ހޯމް މިނިސްޓަރު އިހްސާންގެ މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑު އުންމީދު ކުރަން އެބޭފުޅާ (ހޯމް މިނިސްޓަރު) ވިދާޅުވާ ކަންތައް ކުރައްވާނެ ކަމަށް. މިހާރު އެއް އަހަރުވަނީ ދެއްތޯ, އަދި ހަމަ އެއްކަމެއް ވެސް ނުވޭ." އުމަރު ވިދާޅުވިއެވެ.
މިގައުމުހަށްލުކުރެވޭނީ ހަމައުމަރުނަސީރުއަށް
އުމަރަށް އެކަނި ވިސްނެނީ.
ގަބޫލު ކުރިޔަސް …..ނުކުރިޔަސް…….މިކޮމެންޓް ޖެއްސަސް ނުޖެއްސަސް….ޙައްލަކީ ޢުމަރު……..ކުރާނެ….ކެރޭނެ…..ހިތްވަރު ހުންނާނެ