ޚަބަރު

ރައީސް ފައިސާ ބެއްސެވިކަމަށް ބުނާތީ ގާނޫނީ ފިޔަވަޅު އަޅަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި | ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަން ކުރާ ޕީއެންސީ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބެއްސެވި ކަމަށް ބުނާ ވާހަކަތަައް ސަރުކާރުން ދޮގުކޮށްފިއެވެ.

Ads by STELCO

"އަދަދު" ނޫހުގައި މިއަދު ރިޕޯޓްކުރި ހަބަރެއްގައި ބުނީ ރައީސް މުއިއްޒު ޕީއެންސީގެ ކޮންމެ މެމްބަރަކަށް މި މަހު ވެސް 75،000ރ ބެއްސެވި ކަމަށެވެ. އަދި މިދިޔަ ޖޫން މަހުން ފެށިގެން ކޮންމެ މަހަކު ވެސް މެމްބަރުންނަށް 50،000ރ ބަހަމުންދާ ކަމަށް ވެސް އަދަދުއިން ރިޕޯޓްކޮށްފައި ވެއެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު އެކްސްގަައި ވިދާޅުވީ އަދަދުގައި ޝާއިއުކުރި ހަބަރަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. އަދި ރައީސަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި އެފަދަ ދޮގު ހަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ހަބަރު ފަތުރަމުންދާ ފަރާތްތަކާ މެދު ސަމާލުވެ ވަޑައިގަތުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ފުރުސަތުގައި އިލްތިމާސް ކުރަމެވެ." ހީނާ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!