ކުޑަކުދިންގެ ފޮޓޯތައް ބަލަން ސަބްސްކްރައިބްް ކުރި މީހުންނަށް ފިޔަވަޅު އަޅާނެ

ކުޑަކުދިންގެ ފޮޓޯތައް ވިއްކި ޗެނަލްތަކަށް ސަބްސްކްރައިބްް ކުރި މީހުންނާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެލެގްރާމް ޗެނަލްތަކަށް ވަދެ ފޮޓޯތައް ގަން ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލު ޖަވާބު ދެއްވަމުން ސައިބާ ކްރައިމް އިންވެސްޓިގޭޓަރު އަޒީފް އައްބާސް ވިދާޅުވީ ޓެލެގްރާމް ޗެނަލްތަކުގައި ހިއްސާކޮށްފައިވާ ކޮންޓެންޓަށް ބަލާލާއިރު 18 އަހަރުން ދަށުގެ ކުދިންގެ ކޮންޓެންޓްވެސް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރުވެސް ގާނޫނީ ފްރޭމްވޯކެއް އެބައޮތް ކަމަށާއި އެހެންކަމުން ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނަން އެފަދަ ފަރާތްތަކާ ދޭތެރޭގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި. އަޅުގަނޑުމެން މި މައްސަލައިގެ ތެރޭގައި ވެސް މި މަސައްކަތް ކުރަމުން ދަނީ ޕީޖީއާ ވާހަކަ ދައްކައިގެން އެހެން ނަމަވެސް މީގެ ތެރޭގައި ސަބްސްކައިބްކޮށްފައި ތިބި ފަރާތްތައް އަދި މިއާ ގުޅިގެން އިތުރު ފަރާތްތަކަށް ޝެއާާކޮށްފައި ފޮޓޯ ހޯދުމަށްޓަކައި މަސައްކަތް ކުރި ފަރާތްތަަކަށް ވެސް އަޅުގަނޑުމެން ގާނޫނީ ހަމަތަކުގެ މަތިން އަޅާނަން " އޭނާ ވިދާޅުވި އެވެ.