ޚަބަރު

މެންބަރުންނަށް ފައިސާ ދޭ ވާހަކައިގައި ތެދެއް އުޅޭތީ ސަރުކާރު ތުރުތުރު އަޅަނީ: ޔާމީން

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކުރީގެ ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: ދެން

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ސަރުކާރުގެ ޕާޓީ، ޕީއެންސީގެ މެންބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައިސާ ދެއްވާ ވާހަކައަކީ ދޮގެއް ނަމަ ސަރުކާރުން އެ ވަރަށް "ތުރުތުރު" ނާޅާނެ ކަމަށް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާ ޕީއެންއެފްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

Ads by MWSC

މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ވަދެވަޑައިގަންނަވާ މަންޒަރާއި ކަޅު ދަބަހެއް ހިއްޕަވައިގެން ނުކުންނަވާ މަންޒަރާއި ޕީއެންސީގެ އޮފީހަށް ދަބަސް ގެންދަވާ މަންޒަރު ފެންނަ ވީޑިއޯއެއް "އަދަދު" މީޑިއައިން ގެނެސްދިނެވެ. އޭގެ އިރުކޮޅެއް ފަހުން ޕީއެންސީގެ އެކި މެންބަރުން ޕީއެންސީ އޮފީހަށް ވަޑައިގަންނަވާ މަންޒަރު ވެސް ފެނެ އެވެ.

އެ ނޫހުން ގެނެސްދިން ގޮތުގައި އެއީ މެންބަރުންނަށް ރައީސް މުއިއްޒު 50،000 ރުފިޔާގެ ރިޝްވަތެއް ދިނުމަށް ކުރި ކަމެއް ބޮޑު ތުހުމަތެއް ކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު އެކްސްގަައި ވިދާޅުވީ އަދަދުގައި ޝާއިއުކުރި ހަބަރަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. އަދި ރައީސަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި އެފަދަ ދޮގު ހަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

ޕީއެންއެފުން މިރޭ ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ނޫސްވެރިން ގެނެސްދޭ ވާހަކަތަކުގައި އޮންނާނީ މުޖުތަމައުގައި އެކި ފަރާތްތަކުން ދައްކާ ވާހަކަތަކެވެ. އޭގެ ތެރޭގައި ބައެއް ފަހަރު ދޮގު ވާހަކަތައް ހިމެނުނު ނަމަވެސް ގައުމީ ސަލާމަތަށް ނުރައްކާ ވުން ފަދަ ބޮޑު ކަމެއް ހިނގުމުން ނޫނީ ނޫހަކަށް ފިޔަވަޅު އަޅަން އިންޒާރު ދިނުމަކީ ޑިމޮކްރެޓިކް މުޖުތަމައުގައި ކުރާ ކަމެއް ނޫން ކަމަށެވެ.

"މެންބަރުންނަށް ފައިސާ ދޭ ވާހަކަ ދޮގުނަމަ ނޫހަކަށް އިންޒާރެއް ދޭން ނުޖެހުނީސް، ހަމަ އިގުނޯކޮށްލާފައި، އަޅާނުލާ ހަމަ ހުރީމަ ނިމުނީމަ ނޫންތޯ، އޭގައި ކޮންމެ ވެސް ތެދެއް އުޅޭތީވެ، އެހާ ވަރަށް ސަރުކާރުން، ރައީސް މުއިއްޒުގެ ސަރުކާރުން އެހާ ވަރަހަށް އެ ތުރުތުރު އަޅަނީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީނާއި ރައީސް މުއިއްޒާ ހިޔާލު ތަފާތުވުން އުފެދެން ދިމާވި އެންމެ ބޮޑު ސަބަބަކީ ވެރިކަމުގެ ބާރުވެރިކަން ހިފެހެއްޓުމަށް މަސައްކަތް ކުރަނީ ރައްޔިތުންގެ ތާއީދު ހޯދުމުގެ ބަދަލުގައި ފައިސާއާއި ނުހައްގު މަންފާތައް މީހުންނަށް ހޯދައިދީގެން ކަމަށް ވާތީ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން މިފަދަ ވާހަކަތައް ދެއްކި ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ވެސް އެމަނިކުފާނަށް ސާބިތު ނުހިފޭ ވާހަކަތައް ގެނެސްދިން ގިނަ ޓީވީ ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވެ އެވެ. އެއީ އޭރު ޔާމީންގެ ކޮންޓްރޯލް އޮތް، އޭރު ވެރިކަންކުރި ޕީޕީއެމްގެ މެޖޯރިޓީން ފާސްކުރި އަބުރު ރައްކާތެރި ކުރުމުގެ ގާނޫނުގެ ބޭނުން ހިފައިގެން ބްރޯޑްކާސްޓިން ކޮމިޝަނަށް އެ ބާރު ނަގައިގެނެވެ.

  1. ކޮޔާ

    ތުރުތުރު އަޅާނީ ޔާމީން ކެވުނު ވަރު މަދުވެގެން އަދިވެސް