ރިޕޯޓް

ހަވާސާއިން ބޭރުން: ސްޓްރޯންގް ވެރިއަކަށް ރާއްޖެ އެބަ އިންތިޒާރު ކުރޭ

  • އިންޑިއާ ސިފައިންގެ މައްސަލަ އަދިވެސް ހައްލު ނުވޭ
  • ރައީސް ނާސިރުގެ ފަހުން ސްޓްރޯންގް ވެރިއަކު ރާއްޖެ ނުދެކޭ
  • އިސްލާމީ ޝަރީއަތް ތަންފީޒު ކޮށްގެން ނޫނީ ގައުމު ހައްލު ނުވާނެ
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

"ސްޓްރޯގް ރައީސަކަށް ދިވެހިރާއްޖެ އެބަ އިންތިޒާރު ކުރޭ، އެމީހަކީ އަޅުގަނޑުކަމަށް އަޅުގަނޑު މި ގަބޫލު ކުރަނީ" ކުރިން ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު ވާހަކަފުޅުގެ ތެރެއިން ވިދާޅުވި އެވެ.

Ads by STELCO

2008 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ކުރިމަތިލުމާއި ހަމައިން މިއަދާއި ހަމައަށް އުމަރު ދައްކަވާ އެއް ވާހަކައަކީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރަންޖެހޭ ކަމުގެ ވާހަކަ އެވެ. އަދި ސޮފްޓް އުސޫލުތަކުގެ ބަދަލުގައި ހަރުކަށި ގާނޫނުތަކެއް ތަންފީޒު ކުރަންޖެހޭ ކަމުގެ ވާހަކަތަކެވެ.

މިވަގުތު ސަރުކާރާއި އިދިކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ އުމަރު "ދެން އޮންލައިން" ގެ ޕޮޑްކާސްޓުގައި ބައިވެރިވެވަޑައިގެން ތަފްސީލީ ގޮތެއްގައި އެކި މައުޟޫތަކަށް ވާހަކަ ދެއްކެވި އެވެ.

 

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހވާސާއިން ބޭރުން ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަނީ

 

އިންޑިއާ ސިފައިންގެ އެއްބަސްވުމަށް ހައްލެއް ނުލިބޭ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމެވެ. އަދި ދެގައުމުގެ ދެމެދުގައި ހެދިފައިވާ ސިއްރު އެއްބަސްވުންތައް ހާމަކުރުމެވެ. ވެރިކަމަށް 10 މަސް ވެގެން ދާއިރު ސަރުކާރުން އަމަލު ކުރަމުންދަނީ ވައުދު ފުއްދާނެކަމަށް ރައްޔިތުން އުއްމީދު ކުރި ގޮތަށް ނޫންކަމަށް އިދިކޮޅުން ދެކެ އެވެ.

އުމަރު ވިދާޅުވާ ގޮތުގައި ރާއްޖެއާއި އިންޑިއާ އާއި ދެމެދު މިލިޓަރީ އެއްބަސްވުން އަދިވެސް އެބަ އޮތެވެ. މި އެއްބަސްވުން ބާތިލުނުކޮށް އިންޑިއާ ސިފައިންގެ މައްސަލައިގައި ރައީސް މުއިއްޒު ހޯއްދެވީ މިވަގުތަށް އެންމެ ރަނގަޅު ހައްލުކަަމަށް ސަރުކާރުގެ ސިޔާސީ ބައެއް ފަރާތްތަކުން ވިދާޅުވި ނަމަވެސް މިކަމާ އުމަރު ދެކޮޅު ހައްދަވަ އެވެ.

"ހަނދުމަފުޅު ހުންނާނެ ޖީއެމްއާރާ އެކުގަ ކުރީގަ އޮތް އެއްބަސްވުމެއް ހަދާފަ ދިވެހި ސަރުކާރުން. އެކަމަކު ޑރ. ވަހީދު ވަޑައިގަންނަވާފަ ހަމަ އެ އެއްބަސްވުން ކެންސަލް ކޮށްލެއްވީ"

އުމަރު ވިދާޅުވީ ސިފައިންގެ އެއްބަސްވުމަކީ ކެންސަލް ކުރަން ޖެހޭ އެއްޗެއް ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރަށް އެގޮތަށް އަމަލު ކުރަން ނުކެރިގެން އުޅެނީ "ހޫނު އެއްޗެއްގައި އަތް ނުލާންވެގެން" ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވަ އެވެ.

ޖީއެމްއާރު އެއްބަސްވުން ބާތިލް ކުރުމުން ދިވެހި ސަރުކާރުން ޖީއެމްއާރު ކުންފުންޏަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހުނެވެ. އުމަރު ވިދާޅުވީ އިންޑިއާ އާއިއެކު މިހާރު ހަދާފައިވާ އެއްބަސްވުން ކެންސަލް ކުރިޔަސް ދައުލަތުން ފައިސާ ދައްކަން ނުޖެހޭނެ ކަމަށެވެ. އެއީ ޖީއެމްއާރު އެއްބަސްވުމަކީ ކޮމާޝަލް އެއްބަސްވުމަކަށް ވިޔަސް އިންޑިއާ ސިފައިންގެ އެއްބަސްވުމަކީ މިލިޓަރީ އެއްބަސްވުމަކަށް ވާތީ އެވެ.

"މީ މިލިޓަރީ އެއްބަސްވުމެއްކަން އިނގޭ އެއް ސަބަބަކީ ސަރުކާރުން އެއްބަސްވުން ހާމަ ނުކުރުން. މިލިޓަރީ އެއްބަސްވުން ހާމައެއް ނުކުރެވޭނެ. ސިވިލް އެއްބަސްވުން އެއްޗެހި ހާމަ ކުރެވޭނީ"

އިންޑިއާ އެއްބަސްވުންތައް ހާމަކުރަން އުމަރުވެސް މީގެ ކުރިން ގޮވައިލެއްވި އެވެ. ރައީސް މުއިއްޒުވެސް އިދިކޮޅުގައި ހުންނަވައި އެއްބަސްވުންތައް ހާމަކުރަން ގޮވައިލެއްވި އެވެ.

 

އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި އިންޑިއާ މިލިޓަރީ އެއްބަސްވުން ބާތިލު ނުކުރުމަކީ ހައްލެއް ނޫން

 

އަޅުވެތިކަމުން ސަލާމަތް ވާނީ ހަރަދު ކުޑަކޮށްގެން

ރައީސް ޞާލިހުގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ ދަރަނި އޮތީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ. ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ބާރަށް ދައްކަވާ ވާހަކައަކީ ރާއްޖޭގެ މާލީ ހާލަތު ދަށް ކަމުގެ ވާާހަކަ އެވެ. މިކަމާއި ގުޅިގެން ސަރުކާރުން ވަނީ ފިޔަވަޅުތަކެއްވެސް އަޅައިފަ އެވެ.

އެހެންނަމަވެސް އުމަރު ދެކެވަޑައިގަންނަވަނީ ސަރުކާރުން އަޅާ ފިޔަވަޅުތައް އެންމެ އެކަށޭނަ ނޫން ކަމަށެވެ.

"ސަރުކާރު ކުޑަ ކުރަންވީ. ހުރިހާ ސިޔާސީ މަގާމުތަކުގަ ތިބި މީހުން ވަކި ކުރަންވީ"

އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި މިސަރުކާރުގައި ސިޔާސީ މަގާމުތައް ދިން "ދެހާސް ތިން ހާސް" މީހުން ވަޒީފާއިން ވަކިކުރަންޖެހެ އެވެ. ސަތޭކަ ނޫނީ ދުއިސައްތަ މަގާމު ބައިތިއްބާފައި އެހެން ހުރިހާ އެންމެން މަގާމުތަކުން ވަކިކޮށްގެން ނޫނީ ސަރުކާރުގެ ހަަރދު ކުޑަ ނުކުރެވޭނެކަމަށް އުމަރު ދެކެވަޑައިގަންނަވަ އެވެ.

މިހާރު ސަރުކާރުގެ މިނިސްޓްރީތައް އޮތީ ފުރިފައި ކަމަށާއި ޑެޕިއުޓީ މިނިސްޓަރުން އެމީހުން އިށީންނާނެ ގޮނޑި ނެތިގެން އިމާރާތުގެ ސިޑި މަތީގައި ތިބިކަމަށް އުމަރު ވިދާޅުވި އެވެ. އަދި ކޮންމެ ހަފްތާއަކު އެތައް ސްޓޭޓް މިނިސްޓަރުންނެއް އަލަށް އައްޔަނު ކުރާތީ އެކަމާވެސް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

"ބޭކާރު އިދާރާތައް އުވާލާފަ، ޖުޑިޝަރީ ކުޑަކޮށްފަ، މަޖިލިސް ކުޑަކޮށްފަ، މިހުރިހާ ކަމެއް ހަރަދު ކުޑަކޮށްލީމާ އަޅުގަނޑުމެންނަށް ދަރަނި ދެއްކޭނެ. އަޅުގަނޑުމެން ނުޖެހޭނެ އިންޑިއާ ދަށުވެގެން އުޅޭކަށެއް"

އުމަރު ވިދާޅުވާ ގޮތުގައި ރާއްޖޭގައި ބޭކާރު އިދާރާތައްވެސް ވަރަށް ގިނަ އެވެ. މިސާލަކަށް އޮޑިޓާ ޖެނެރަލްގެ އޮފީސް އޮތް ހިނދު އެންޓި ކޮރަޕްޝަން ކޮމިޝަނެއް އޮތުމަކީ ބޭކާރު ކަމެއް ކަމަށާއި ދުނިޔޭގެ ބޮޑެތި ގައުމުތަކުގައިވެސް މި ދެ އިދާރާ އޮންނަނީ އެއްކޮށް ކަމަށް ވިދާޅުވި އެވެ. އެމެރިކާ، ކެނެޑާ ފަދަ ގައުމުތަކުގައި އިމިގްރޭޝަނާއި ކަސްޓަމްސް އޮންނަނީ އެއްކޮށްލާފައި ކަމަށާއި އެހެންނަމަވެސް ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ވަކި ދެ އިދާރާ އޮންނަކަން ފާހަގަކުރެއްވި އެވެ. މީޑިއާ ކައުންސިލް އާއި އިންފޮމޭޝަން ކޮމިޝަނަރާއި ބްރޯޑްކޮމް ފަދަ އިދާރާތަކަކީވެސް އެއް މަސައްކަތްތަކެއް ކުރާ ތަންތަންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ

އުމަރު ވިދާޅުވީ ހަމައެކަނި ސިޔާސީ މަގާމުތައް އެކަނި މަދުކުރިޔަސް 50 މިލިއަން އެމެރިކާ ޑޮލަރު ސަލާމަތް ވާނެ ކަމަށެވެ. މިއީ ދަރަނި ދައްކަން ދައުލަތުން ސަލާމަތް ކުރެވޭ ފައިސާކަމަށް އޭނާ ވިދާޅުވި އެވެ.

 

ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އެންމެ އެކަށީގެންވާ ފިޔަވަޅު އަޅާ ކަމަކަށް އުމަރު ގަބޫލެއް ނުކުރައްވާ

 

އިސްލާމީ ޝަރީއަތް ތަންފީޒު ކުރުން މުހިންމު

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ނުރައްކާތެރި އެއް ވަބާ އެވެ. މީގެ ސަބަބުން އެކި ކުށްތައް ކުރުން ވަނީ އާންމު ވެފަ އެވެ. ދާދި ފަހުން އާންމު ތަނެއްގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ފިލަން އުޅުނު މީހާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއްކަން ވަނީ އެނގިފަ އެވެ. މީގެ އިތުރުން މާލޭގެ މަގުތަކުގައި ބިރު ދެއްކުމާއި ފޭރުން އަދި ރަހީނު ކުރުންފަދަ ކަންކަމުގައި މަސްތުގެ ހާލަތުގައި ތިބޭ މީހުން އުޅޭކަން ދަނީ ހާމަވަމުންނެވެ.

އުމަރު ވިދާޅުވީ މަސްތުވާތަކެތި ހުއްޓުވުމަކީ މުޅި ދުނިޔޭގައިވެސް އޮތް ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ. ރާއްޖޭގައި މިހާރު އަމަލު ކުރަމުން ދަނީ އޮސްޓްރޭލިއާގެ މޮޑެލްއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންނަމަވެސް މި މޮޑެލްއަށް އަމަލު ކުރާތާ އެތައް އަހަރެއް ވީއިރުވެސް ކުރިއެރުމެއް ލިބިފައި ނުވާތީ މިކަން ހައްލު ކުރަން މި މޮޑެލް ކަމުނުދާކަން ހާމަވާކަމަށް އުމަރު ވިދާޅުވި އެވެ.

"މަސްތުވާތަކެތި ހުއްޓުވަން މިދެންނެވި ފޮމިއުލާތައް ވާކް ނުކުރީމާ ދެން ހަމަ ޖެހޭނީ އިސްލާމީ ޝަރީއަތުގަ ހިފަން. މިއީ އަޅުގަނޑު އަބަދުވެސް ވަކާލާތު ކުރާ ކަމަކީ"

އުމަރު ވިދާޅުވީ އިސްލާމީ ޝަރީއަތުގަ ހުރި ހުކުމްތައް ބޭނުންކޮށްގެން ރާއްޖޭގައި މަސްތުވާތަކެތި ހުއްޓުވިދާނެ ކަމަށެވެ. ހަމައެކަނި އެމައްސަލަ އެކަންޏެއްވެސް ނޫނެވެ. ކޮރަޕްޝަންވެސް ހުއްޓުވޭނީ އޭރުންކަމަށް އުމަރު ދެކެވަޑައިގަންނަވަ އެވެ. އަދި މީހުން މަރާ މީހުންނާއިމެދުވެސް އަމަލު ކުރަންވާނީ އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަށްކަމަށް ވެއްޖެނަމަ އެކަންވެސް ހުއްޓުވޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިސްލާމީ ޝަރީއަތުގައި އޮންނަ ގިސާސް ހިފުމާއި، މަސްތުވާތަކެތި ބޭނުންކުރާ، ވިއްކާ މީހުންނަށް މަރުގެ އަދަބު ދިނުންފަދަ ކަންކަމަކީ އެކަން ތަންފީޒު ކުރަން އުޅެފިނަމަ ބައިނަލްއަގުވާމީ ދުނިޔެއިން ޕްރެޝަރުތަކެއް އަންނާނެ ކަމެއްކަމަށް އުމަރު ވިދާޅުވި އެވެ. އެހެންނަމަވެސް މިކަމާ ކުރިމަތިލެވޭ ވަރުގެ ރައީސެއް ރާއްޖެ ދެކެފިނަމަ މިމައްސަލަތައްވެސް ހައްލުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

 

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބޭނުންފުޅުވަނީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރަން

 

ރާއްޖެއަށް ގަޓު ރައީސެއް އެބަ ބޭނުންވޭ

ރައީސް އިބްރާހިމް ނާސިރު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރާއްޖޭގައި އޮތީ ރަސްކަމެކެވެ. އަދި އޭރު ރާއްޖޭގައި އޮތީ އިނގިރޭސީންގެ ބާރެވެ. ދިވެހި ދައުލަތާއިއެކު އިނގިރޭސިން ހަދާފައިވާ އެތައް އެއްބަސްވުމެއް 100 އަހަރަށް މުއްދަތު ޖަހާފައި އޮތެވެ.

އުމަރު ވިދާޅުވީ ރައީސް ނާސިރު ވެރިކަމަށް ވަޑައިގެން އެ ހުރިހާ އެއްބަސްވުމެއް ކެންސަލް ކުރެއްވީ ކަމަށެވެ. އެހެންކަމުން އިންޑިއާ ހެލިކޮޕްޓަރު އެއްބަސްވުމަކީ ކެންސަލް ކުރަން އެއްވެސް އެއްޗެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސްޓްރޯންގް ލީޑަރަކަށް ދިވެހިރާއްޖެ އެބަ އިންތިޒާރު ކުރޭ. އެ ސްޓްރޯންގް ލީޑަރަކު ނުފެންނަތާ އަޅުގަނޑުމެންނަށް ވެއްޖެ އިބްރާހިމް ނާސިރުގެ ފަހުން މިވީ ހުރިހާ ދުވަހެއް"

އުމަރު ވިދާޅުވި ގޮތުގައި ރާއްޖެއަށް ސްޓްރޯންގް ލީޑަރަކު ނާންނަހާ ހިނދަކު މަގުތަކުގައި ދުއްވާނެ ގޮތަކަށް މީހުން ދުއްވާނެ އެވެ. ހަރާނެ ގޮތަކަށް ވަޅިވެސް ހަރާނެ އެވެ. އަދި ވިއްކާނެ އެއްޗެއް މަގުމަތީގައި ވިއްކާނެ އެވެ.

އުމަރު ވިދާޅުވީ އެ ސްޓްރޯންގް ލީޑަރަކީ އެމަނިކުފާނު ކަމަށެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފި ނަމަ މިހުރިހާ މައްސަލަތަކެއް ހައްލު ކުރައްވާނެ އެވެ.

  1. ކޮޔާ

    އުމަރު ވާހަކަ ނުދެއްކުން ބުއްދިވެރި ގޮތަކީ ކޮބާތަ މީހުނަށް ދޭންޖެހޭ ލާރި ސަބްމެރިންނަށް އެކިފަރާތްތަކުން ތެޔޮ އަޅާފަ ލާރިއއްނުދޭ

  2. ހުދުހުދު

    ޙައްލަކީ…ޢުމަރު…..ކެރޭނެ…ކުރާނެ….އެ ހިތްވަރު ހުންނާނެ.

  3. ހުދުހުދު

    ގަބޫލު ކުރިޔަސް …..ނުކުރިޔަސް…….މިކޮމެންޓް ޖެއްސަސް ނުޖެއްސަސް….ޙައްލަކީ ޢުމަރު……..ކުރާނެ….ކެރޭނެ…..ހިތްވަރު ހުންނާނެ.

  4. އޮރެންޖް

    ހައްލަކީ އިހްސާނެއްވެސް. ހައްލަކީ ޝަމްއާނެއްވެސް ނޫން. ސެކިއުލަރ އައިޑިއޮލޮޖީން އުފެދިފައިވާ ނެޝަނަލިޒމަމްގަ ނުހިފާ އިސްލާމްދީނުގައި އޮންނަ ގޮތަށް އިންސާނީ ހައްގުތައް (ބިދޭސީ/ދޭސީ ތަފާތުނުކޮށް މުސްލިމް އުއްމަތް ) ރިކޮގްނައިސް ކުރާނަމަ ހައްލަކީ އުމަރު. އަހަރެންނަށް ފެންނަނީ ސެކިއުލަރ އައިޑިއޮޮލޮޖީތަކުން އުފެދިފައިވާ ނެޝަނަލިޒަށް ގޮސް ހުސްވެ އިކޮނޮމީ ރަނގަޅުކުރާނެ ގޮތެއްވެސް ނޭގިގެން އުޅޭހެން މިސަުރުކާރަށް