ޚަބަރު

ބަންކަރިންގެ ހިދުމަތް ދޭން ގެނައި ދެވަނަ ބޯޓު ވެސް ކުޅުދުއްފުއްޓަށް ގޮސްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްޕީއެލްއިން ބަންކަރިންއަށް ގެނައި ދެވަނަ ބޯޓު--

ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް ދޭން ގެނައި ދެވަނަ ބޯޓުވެސް ހދ. ކުޅުދުއްފުށި ސިޓީއަށް ގޮސްފި އެވެ.

Ads by MWSC

މީގެ ކުރިން އެ ހިދުމަތް ފަށަން ގެނައި "މެރިން އެންޖަލް" ބޯޓު މިދިޔަ ހޯމަ ދުވަހު ވަނީ ކުޅުދުއްފުއްޓަށް ގޮސްފަ އެވެ.

އޭގެ ފަހުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު މިއަދު ފޭސްބުކްގައި ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފަށަށް ގެނައި ދެވަނަ ބޯޓާއި ޓަގު ބޯޓާއި ޕައިލެޓް ބޯޓު މިއަދު ކުޅުދުއްފުއްޓަށް ގޮސްފައިވާ ކަމަށެވެ.

ހަމަ އެހެންމެ ބަންކަރިން ފަދަ އިންޓަނޭޝަނަލް ޚިދުމަތެއް ދިމުގައި ހުންނަންޖެހޭ ޝަރުތު، ކަމަށްވާ، އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ ގޭޓު (އައިއެސްޕީއެސް ގޭޓު) ވެސް ގާއިމް ކޮށް ނިމި، ބަންކަރިންގ ޚިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރު ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.

"ޝުކުރިއްޔާ ރައީސް ޑރ. މުހައްމަދު މުޢިއްޒު. މަނިކުފާނުގެ ވެރިކަމުގެ ވަރަށް ކުރީ ކޮޅު ތިޔަ ފަށްޓަވައި ދެއްވަވަނީ، މި ގައުމުގެ އިގުތިސާދަށް ބޮޑު، އިންގިލާބީ ހެޔޮ ބަދަލް ތަކެއް ގެނެސް ދޭނެ ޚިދުމަތެއް. މިއީ މި ގައުމުގައި ކުރަން ޖެހި، އެހެނަސް މިހާތަނަށް އެއްވެސް ވެރިކަމެއްގައި ނުކުރެވި އޮތް ކަމެއް،"

ސީއީއޯ އިތުރަށް ވިދާޅުވީ ބަންކަރިންގެ ހިދުމަތާއެކު އިންޓަރނޭޝަނަލް ކަސްޓަމަރުންނަށް، އިތުރު 14 ހިދުމަތެއް މިސަ ރަޙައްދުން ފޯރު ކޮށްދޭން ފެށޭނެ ކަމަށެވެ. އޭގެ ސަބަބުން ސަރުކާރުގެ އެހެން ކުންފުނިތަކަށާއި، އަމިއްލަ ކުންފުނިތަކަށް އަދި އަމިއްލަ ފަރުދުންނަށް ވެސް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތުތައް ފަހި ވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

"އިރާދަ ކުރެއްވިއްޔާ، މި ޕޮރޮޖެކުޓުގެ 2 ވަނަ ފޭސް އެއްގެ ގޮތުގައި، އޮއިލް ޓާމިނަލް އާއި، އޮއިލް ޓޭންކު ތައް މިސަރަހައްދުގައި ގާއިމް ކުރުމުގެ މަސައްކަތް ވެސް ފެށިގެން ދާނެއެވެ." ސީއީއޯ ވިދާޅުވި އެވެ.

ރާއްޖޭގެ އުތުތުގައި މިފެށޭ ބަންކަރިންގ ޚިދުމަތާއި އެކު އެސަރަޙައްދުން ފޯރު ކޮށްދިނުމަށް ތައްޔާރު ވެފައިވާ މެރިޓައިމް ދާއިރާގެ އެހެނިހެން ޚިދުމަތްތައް ސާފު ވާނޭ ހެން މިކަމަށްވަނީ ޚާއްސަ ވެބުސައިޓެއް ވެސް ތައްޔާރު ކޮށްފައެވެ. އެއީ ޔޫއެމްއެސް.އެމްވީ އެވެ.

ބަންކަރިން ހިދުމަތް ފެށުމުގެ ގޮތުން މިހިނގާ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ފުރަތަމަ ބޯޓަށް ތެޔޮ ވިއްކަން ފަށަން ނިންމާފައިވާ ކަަމަށްވެސް އެމްޕީއެލްއިން މި މަހު ވަނީ ބުނެފަ އެވެ.

 

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!