މައުސޫމް އަންހެން ކުއްޖެގެ ކަރުގައި ވަޅި ޖެއްސީމަ ފުލުހުން ނަގަން ޖެހޭނީ ފިސްތޯލަ: އުމަރު
މާލޭގައި ކުއްޖަކު ރަހީނުކޮށްގެން, ކަރުގައި ވަޅި ޖެއްސި ހާދިސާގައި އެތަނަށް އެޑެންޓްވި ފުލުހުން ކުށްވެރިޔާގެ ގަޔަށް ޖަހަން ޖެހޭނީ ފިސްތޯލަ ކަމަށާއި, އެކަން އެހެން ގައުމުތަކުގައި ވެސް ކުރާނީ އެގޮތަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އަންހެން ކުއްޖެއްގެ ކަރުގައި ވަޅި ޖެއްސާ މާލޭގެ މަގުމަތީގައި ހިނގި ހާދިސާގައި, ފުލުހުން އެޓެންޑްވެ, އޭނާގެ ބޮލުގައި މުގުރަކުން ޖަހާ ހާލަތު ވަނީ ޑިފިއުސްކޮށްފައެވެ. ރަހީނުކުރި މީހާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތްކޮށް, ލިބުނު އަނިޔާތަކުގައި ވަނީ މަރުވެފައެވެ. އޭނާ މަރުވީ ފުލުހުންގެ އިހްމާލުންތޯ ބަލަން ޕޯސްޓްމޯޓަމް ވަނީ ހަދާފައެެވެ. އޭގެ ނަތީޖާ އަދި ހާމަކޮށްފައެއް ނުވެއެވެ.
"ދެން" އިން ގެނެސްދޭ ހަވާސާއިން ބޭރުން ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އުމަރު ވިދާޅުވީ, އެފަދަ ހާލަތެއްގައި މުޅި ދުނިޔޭގައި ވެސް ކަން ކުރާނެ ގޮތަކީ ފިސްތޯލުން ހަމަލާދިނުން ކަމަށެވެ. ނަމަވެސް ފުލުހުން ކަންތައް ކުރެއްވި ގޮތަށް ވެސް އުމަރު ތައުރީފް ކުރެއްވިއެވެ. ވިދާޅުވީ, އެވަގުތު ފުލުހުންގެ އަތުގައި އޮތީ ހަމައެކަނި މުގުރު ކަމުން އޭގެ ބޭނުންކުރީ ކަމަށެވެ.
"އަންހެން ކުއްޖެއްގެ ކަރުގައި ބޮޑު ކުށްވެެރިއަކު ވަޅި ޖައްސާފިއްޔާ, ފުލުހުން އަންނާނީ ފިސްތޯލަ ހިފައިގެން. އައިސް ފިސްތޯލަ ޖަހާނީ. މަރުވެއްޖިއްޔާ ވަޅުލާނީ, އެ ނިމުނީ އެކަންތައް. މަރުވެއްޖިއްޔާ ވަޅުލާނީ, ޕޯސްޓްމޯޓަމް ހަދަން, އެތަނަށް ދަމާ މިތަނަށް ދަމާ އެކަންތައް ނުކުރާނެ އެއްގޮތަކަށް ވެސް" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އެފަދަ ހާލަތެއްގަިއ ކުށްވެރިޔާއާ ވާހަކަ ދައްކާކަށް ނުޖެހޭނެ ކަމަށާއި ޕިސްތޯލަ ނެގީމަ ކުށްވެރިޔާ ޖެހޭނީ ވަޅި ބާއްވަން ކަމަށެވެ. ނުބާއްވައިފިއްޔާ ފިސްތޯލަ ޖަހާ ނިންމާލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އުމަރު ވަނީ އެ ހާލަތުގައި ކަންކުރާނީ ކިހިނެތްތޯ ވެރިކަންކޮށްފައި ތިބި މީހުންނާއި, ވެރިކަން ކުރަން ގަސްދު ކުރާ މީހުންނާ ރައްޔިތުން ސުވާލު ކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ޕޮލިޓިޝަނުން ވިދާޅުވާނީ, ފުލުހުން ފޮނުވައިގެން ވާހަކަ ދެއްކުމާ, ކުށްވެރިޔާގެ ބުރިކޮށީގައި ފިރުމުން ކަމަށް ވެސް ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ ސިންގަޕޫރު ކަހަލަ ގައުމަކަށް ރާއްޖެ ވާން ހުރިހާ އެންމެން ވެސް އެދޭ ކަމަށާއި, ނަމަވެސް ސިންގަޕޫރު އަމަލު ކުރާ ގޮތަށް އަމަލު ކުރާކަށް ގިނަ މީހުން ބޭނުން ނުވާ ކަމަށެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނީ ދުނިޔޭގައި އަމަލު ކުރާ މިފަދަ ކަންކަމަށް އަމަލު ކުރަން ކެރޭފަދަ ގަޓު ވެެރިޔަކަށް ކަމަށް ވިދާޅުވިއެވެ.