ބިދޭސީން ފުރުވައިލަނީ ދައުލަތުގެ ހަރަދަކު ނޫން
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފުރުވާލަނީ ދައުލަތުގެ ހަރަދުގައި ނޫން ކަމަށާއި، އެ މީހުން ރާއްޖެ އެތެރެވާއިރު ދައްކާފައިވާ ޑިޕޮސިޓް ފައިސާއިން ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާއި އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެހެން ސަރުކާރުތަކޭ އެއް ގޮތަށް މި ސަރުކާރުންވެސް ވަނީ ގިނަ މަސައްކަތްތަކެއް ފަށާފަ އެވެ.
"ދެން" އިން ގެނެސްދޭ ހަވާސާއިން ބޭރުން ޕްރޮގްރާމުގައި އިމިގްރޭޝަންގެ ކޮންޓްރޯލާ ޝަމްއާން ވަނީ މި ސަރުކާރަށް މިވީ 10 ވަރަކަށް މަސް ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލު ހިއްސާކޮށްފަ އެވެ.
އެ ޕްރޮގްރާމް ގައި ބިދޭސީން ފޮނުވާލުމަށް ދައުލަތުން އެއްވެސް ހަރަދެއް ހިނގާތޯ ސުވާލުކުރުމުން ޝަމްއާން ވިދާޅުވީ އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ ހުރިހާ ކަމެއް ޑިޕޮސިޓަށް ދައްކާ ފައިސާއިން ހަމަޖެހޭ ކަމަށެވެ.
އެހެންވެ އެ މީހުން ފޮނުވާލުމުގައި މާ ބޮޑު ދަތިތަކެއް ކުރިމަތިނުވާ ކަމަށް ވިދާޅުވި އެވެ.
"ހަގީގަތުގައި ރާއްޖެއަށް މީހުން އެތެރެވާއިރު އިނދޭ ޑިޕޮސިޓް ފައިސާ. އެ މީހާ އެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ރާއްޖެއިން ބޭރަށް ޑީޕޯޓްކުރުމުގެ މަސައްކަތްތައް މި ކުރިއަށް ގެންދަނީ"
ޝަމްއާން ވިދާޅުވީ "ރެގިއުލަރައިޒް ޕްރޮގްރާމް" ގެ ތެރެއިން ގާނޫނާއި ގަވާއިދުގެ ތެރެއަށް ފެއްތުމުގެ ފުރުސަތު ބިދޭސީންނަށް އެބައޮތް ކަމަށެވެ. އެހެން ނަމަވެސް ގާނޫނާ ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނަށް އިޝާރާތް ކުރައްވާ ޝަމްއާން ވިދާޅުވީ އެފަދަ ފަރާތްތަކަށް ދެވަނަ ފުރުސަތެއް ނުދޭނެ ކަމަށެވެ.
އަދި ހަމަ ގާނޫނާއި ގަވާއިދާ ހިލާފަށް ސްޕާ ހިންގާ ފަރާތްތަކަށްވެސް ދެވަނަ ފުރުސަތެއް ނުލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އެ ޕްރޮގްރާމް ގައި ޝަމްއާން ވިދާޅުވީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުބަލާ އެކޮމަޑޭޝަން ބްލޮކްތަކާއި ފާޑު ފާޑުގެ ފެކްޓްރީ ހަދައިގެން އުޅޭ ފަރާތްތައްވެސް ގިނަ ކަމަށެވެ.
"ހަގީގަތުގައި މީ އަޅުގަނޑުމެން ޓޯލަރޭޓް ނުކުރާނެ ކަންކަން. މިކަން ޓޯލަރޭޓް ނުކުރާ އެންމެ ބޮޑު ސަބަބަކީ މިއީ މުޅި މުޖުތަމައު ގުޅި ހުރި ކަންތައްތަކަށް ކަމުގައި ވާތީ"
ޝަމްއާން ވިދާޅުވީ އެއީ ހަމައެކަނި ވިސާއާ ގުޅުންހުރި ކަންކަމުގެ ގޮތުގައި ގަބޫލުނުކުރައްވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ އެކަމުގެ ސަބަބުން ވަރަށް ބައިވަރު ނުރައްކަލަށް ކުރިމަތިވެގެންދާ ފަދަ ކަންކަން ވެފައިވާތީ އެވެ.
"މީޑިއާއިންވެސް ތިބޭފުޅުންނަށް ފާހަގަވެގެންދާނެ މިސާލަކަށް ވަރަށް ސާފުތާހިރު ނޫން ގޮތަށް ކާއެއްޗެހި ބަންދުކޮށް ހަދާފަ ހުރި ތަންތަނާއި އަދި އެހަކަށް ދުވަހު އެ ދިމާވެގެން ދިޔަ އަލިފާނުގެ ހާދިސާ. މިއީ ހަގީގަތުގައި އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނެތި މިކަން ކުރުމުގެ ސަބަބުން އާންމު ބަލި މަޑުކަމަކަށް ނޫނީ ނުރައްކަލަކަށް ކުރިމަތިވެގެންދާ ފަދަ ކަންކަން ކަމުގައި ވާތީ"
ޝަމްއާން އިތުރަށް ވިދާޅުވީ އެއީ އެއްވެސް ގޮތަކަށް "ޓޯލަރޭޓް" ކުރާނެ ކަންކަމެއް ނޫން ކަމަށާއި އެކަމުގައި ޑީޕޯޓްކުރުން ފިޔަވާ އިތުރު ގޮތެއް އެ ފަރާތްތަކަކަށް ނެތް ކަމަށެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގައި ނޮވެންބަރު 17 އިން ސެޕްޓެމްބަރު 15 ގެ ނިޔަލަށް 289 ތަނެއް ބަލާ ފާސްކޮށް 4,026 ބިދޭސީއަކު ފުރުވާލާފައިވެ އެވެ.