ޔުނީފޯމަށް އޮތް އިހުތިރާމް: ޝަމްއާނަށް މުހިންމު ތިން އަހަރު
"އަޅުގަނޑު މިހުންނަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ." ހިނިތުންވެ އިންނަވައި ޝަމްއާން ވިދާޅުވި އެވެ.
"ދެން އޮންލައިން" ގެ ފަރާތުން ސިލްސިލާކޮށް ގެނަސްދޭ ޕޮޑްކާސްޓުގައި މިހަފްތާ ބައިވެރިވެވަޑައިގެންނެވީ މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު އެވެ. ޖެހިޖެހިގެން ދެ ހަފްތާވަންދެން މި އޮންލައިންގެ ފަރާތުން ދިން ދައުވަތު ޝަމްއާން އެންމެ ފަހުން ގަބޫލު ކުރެއްވީ ސިއްހީ ހާލުކޮޅު ތަންދޭވަރު ވުމުންނެވެ. އެހެންނަމަވެސް ޕޮޑްކާސްޓަށް ވަޑައިގެންނެވި އިރުވެސް ޝަމްއާންގެ އަޑުގައި ކުރަކި ކަމެއް ހުއްޓެވެ. އެކަމަށް މައާފަށް އެދިވަޑައިގެން ޖަވާބުތަކާއިގެން ކުރިއަށް ވަޑައިގެންނެވި އެވެ.
ރާއްޖޭގައި ޒަމާންވަންދެން އޮތް ގަވާއިދާއި ހިލާފު ބިދޭސީންގެ މައްސަލައާއި ގުޅުންހުރި ގިނަ ސުވާލުތަކަކަށްފަހު މަސައްކަތްތަކާއިމެދު ހިތްހަމަޖެހިވަޑައިގަންނަވާތޯ އެހުމުން ޝަމްއާން ހިނިތުންވެ އިންނަވައި ދެއްވި ޖަވާބުގެ ކުރިން ދެއްކެވި އެހެން ވާހަކަތަކަށް ފުރަތަމަ ބަލައިލާނަމެވެ.
އިމިގްރޭޝަން ވޮޗް ތައާރަފު ކުރުން
ގަވާއިދާއި ހިލާފަށް ރާއްޖޭގައި ބިދޭސީން އުޅުމާއި ގާނޫނާއި ހިލާފަށް ބިދޭސީން އެތެރެ ކުރުމުގެ މައްސަލައަކީ އިއްޔެއަކު މިއަދަކު ފެންމަތިވެގެން އުޅޭ މައްސަލައެއް ނޫނެވެ. މިއީ މިދިޔަ ދެ ސަރުކާރުގައިވެސް ހައްލު ކުރަން އުޅެ ހައްލު ނުވެ އޮތް މައްސަލައެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން މި މައްސަލަ ހައްލު ކުރުމުގެ ފުރިހަމަ އޮތޯރިޓީ ދެއްވީ ހޯމް މިނިސްޓްރީގެ ދަށުގައި އޮތް އިމިގްރޭޝަނަށެވެ.
ކޮންޓްރޯލަރ ޖެނެރަލް މިކަމުގެ ތަފްސީލަށް ވަޑައިގެންނެވި އެވެ. މިފަހަރު މަސައްކަތް ފެށުމުގެ ކުރިން އެ އިދާއިން ބެލީ މި މައްސަލަ އެހެން ގައުމުތަކުގައި ހައްލު ކުރަނީ ކިހިނެއްތޯ އެވެ.
"ޔޫކޭ، ޔޫއެސް އަދި އޮސްޓްރޭލިއާ ފަދަ ކުރިއަރާފަ ހުރި ގައުމުތަކުން އެބޭފުޅުން ބޭނުންކުރާ ގޮތެއް މިއީ އިމިގްރޭޝަނާ ގުޅުން ހުރި އޮފެންސްތައް ރިޕޯޓު ކުރާނެ ޕްލެޓްފޯމެއް. އެގޮތުގެ މަތިން އިމިގްރޭޝަން ވޮޗް މި ތައާރަފު ކުރީ"
ޝަމްއާން ވިދާޅުވީ މި ޕްލެޓްފޯމަށް ރިޕޯޓު ކުރުމުގެ ފުރުސަތު ކާކުކަން އެނގޭގޮތަށްވެސް އަދި ނޭނގޭ ގޮތަށްވެސް ހުށަހެޅޭނެ ކަމަށެވެ. ކަމާއި ގުޅުންހުރި ހުރިހާ މައުލޫމާތެއް، ފޮޓޯއާއި ވީޑިއޯވެސް ހިމެނޭހެން މި ޕްލެޓްފޯމަށް ހުށަހެޅޭނެ އެވެ.
24 ގަޑިއިރު މި ޕްލެޓްފޯމަށް އޮންލައިންކޮށް ރިޕޯޓު ކުރެވޭނެ އެވެ. ޝަމްއާން ވިދާޅުވި ގޮތުގައި ރިޕޯޓު ހުށަހެޅޭނީ ހަމައެކަނި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންނާއި ބެހޭގޮތުން އެކަންޏެއްވެސް ނޫނެވެ. ގަވާއިދާއި ހިލާފަށް ބިދޭސީން އެތެރެވާން އުޅޭކަމުގެ މައުލޫމާތާއި، އެފަދަ ކަމެއް ކުރަން މަސައްކަތްކުރާ މީހަކު ނުވަތަ ކުންފުންޏެއްގެ މައުލޫމާތުވެސް ހިއްސާ ކުރެވިދާނެ އެވެ.
މިހާތަނަށް އައިއިރު މި ޕްލެޓްފޯމަށް ލިބުނު ރިޕޯޓުތަކުގެ އެހީގައި އިމިގްރޭޝަނުން ވަނީ ރެއިޑުތަކެއް ކޮށް ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅުވެސް އަޅައިފަ އެވެ. މިހާރަށްވުރެއް ފުޅާކޮށް މި ޕްލެޓްފޯމުގެ ބޭނުން ކުރަން އިދާރާއިން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ފިޔަވަޅު އަޅަނީ ހަމައެކަނި ބިދޭސީ މީހާއަށް އެކަންްޏެއް ނޫން
ބިދޭސީންނަށް ފިޔަވަޅު އެޅުމާއި އެމީހުން ޑީޕޯޓު ކުރުމުގެ ވާހަކަތައް ފެންމަތިވެގެން ދިޔުމުން އާންމުން އެންމެ ބޮޑަށް ދައްކަމުން ދިޔަ ވާހަކައަކީ ބިދޭސީން އެތެރެ ކުރާ ކުންފުނިތަކަށް ފިޔަވަޅު އެޅުމުގެ ވާހަކަ އެވެ. ކުންފުނިތައް ޒިންމާ ނުކުރުވާނަމަ މައްސަލައިގެ އަސްލާއި ހަމައަށް ވާސިލުވާން އުނދަގޫވާނެ އެވެ. މިކަން ޝަމްއާން ސާފުކޮށްދެއްވި އެވެ.
"ވަރަށް ގިނަ ފަރާތްތަކަށް ހީވެފަ މިއޮންނަނީ އަޅުގަނޑުމެން ބިދޭސީ މީހާ ޑީޕޯޓުކޮށް ނޫނީ ބިދޭސީ މީހާ އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެންނާތީވެ ޒިންމާވާ ދިވެހި ފަރާތަކަށް އަޅުގަނޑުމެން ފިޔަވަޅެއް ނާޅައޭ. އެހެންނެއް ނޫން"
ބިދޭސީން ރާއްޖެ ގެނަސް ގަވާއިދާއި ހިލާފަށް އެމީހުން އުޅެން ދޫކޮށްފައި ތިބި ކުންފުނިތަކެއް ބްލެކްލިސްޓު ކޮށްފި އެވެ. އަދި އެފަދަ ކުންފުނިތަކަށް އަޅަންޖެހޭ އެހެނިހެން ފިޔަވަޅުތައްވެސް އަޅައިފި އެވެ. އޭގެ ތެރޭގައިން ގިނަ ބަޔަކަށް ލިޔުމުން ނަސޭހަތް ދީފައިވާއިރު, 125 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.
ޝަމްއާން ވިދާޅުވީ ގާނޫނުން އިމިގްރޭޝަނަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. ބިދޭސީންގެ މައްސަލަތަކާއި ގުޅުންހުރި ބައެއް ތަހުގީގުތައްވެސް ފުލުހުން އެބަ ކުރިއަށް ގެންދެ އެވެ. ޝައްމާން ދެއްވާ ޔަގީންކަމަކީ ބިދޭސީން ޑީޕޯޓުކޮށްލާ ހިސާބުން މައްސަލަ ނުނިމޭނެ ކަމެވެ.
ހޯމް މިނިސްޓްރީއާއި ފުލުހުންގެ އެއްބާރުލުން މުހިންމު
އިމިގްރޭޝަނުން މިހާތަނަށް އައިއިރު ވަނީ ބިދޭސީން ދިރިއުޅޭ އެތައް ތަނަކަށް ގޮސް ގަވާއިދާއި ހިލާފަށް އުޅޭ މީހުން ޑިޓެންޝަނަށް ގެންގޮސްފަ އެވެ. ބައެއް ވިޔަފާރިތައް ހުއްޓުވައި ބައެއް މީހުން ޑީޕޯޓުވެސް ކޮށްފި އެވެ. އެގޮތުން ޝަމްއާން ކޮންޓްރޯލާ ކަމާ ހަވާލުވި ފަހުން, 289 ތަނެއް ފާސްކޮށް, 4026 ބިދޭސީން ވަނީ ފުރުވާލާފައެވެ. މި މަސައްކަތުގެ ފުރިހަމަ ކްރެޑިޓް ނަންގަވާކަށް ޝަމްއާން ބޭނުންފުޅެއް ނުވެ އެވެ.
ޝަމްއާން އެންމެ ފުރަތަމަ ޝުކުރު އަދާކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށެވެ. އިތުބާރު ކުރައްވައި ޝަމްއާންއާ އެވަރުގެ ބޮޑު ޒިންމާއެއް ހަވާލު ކުރެއްވީތީ ޝުކުރު އަދާކުރެއްވި އެވެ. އެއާއެކު ހޯމް މިނިސްޓަރު އަލީ އިހުސާން ދެއްވި އިރުޝާދަށްވެސް ޝަމްއާން ޝުކުރު އަދާކުރެއްވި އެވެ.
"(މިނިސްޓަރު އިހުސާން) އަޅުގަނޑަށް ދީފަ އޮތް އިހުތިޔާރަކީ ގާނޫނާއި ގަވާއިދާ ހިލާފުވެއްޖެއްޔާ އަޅަންޖެހޭ ފިޔަވަޅެއް އަޅާށޭ. އިތުރު މީހަކު ނުގުޅާނެއޭ ތިކަންކަން ހުއްޓުވާކަށެއް"
މިނިސްޓަރުގެ އެއްވެސް ޕްރެޝަރެއް ވަކި ކަމެއް ކުރަން ނުވަތަ ނުކުރަންވެސް ޝަމްއާން އަކަށް ނެތެވެ. މީގެ އިތުރުން ހޯމް މިނިސްޓްރީގެ ކުޑައިގެ ދަށުގައި އޮތް ފުލުހުންގެ މުއައްސަސާގެ ބައިވެރިވުން ޝައްމާން ފާހަގަ ކުރައްވަ އެވެ. މިފަދަ ބޮޑު މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރާއިރު ހާއްސަކޮށް އިމިގްރޭޝަން ވޮޗް އޮޕަރޭޝަންގައި ފުލުހުންގެ ބައިވެރިވުން ވަރަށް މުހިންމުކަމަށް އޭނާ ވިދާޅުވި އެވެ.
އިމިގްރޭޝަނަށް އޮތް އިހުތިރާމް އަނބުރައި ހޯދިއްޖެ
މި ސަރުކާރު އައި ފަހުން ވެގެން މިދިޔަ 10 މަސްދުވަހު އިމިގްރޭޝަނަށް ކުރެވުނު މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ހިނިތުންވެ އިންނަވައި ޝަމްއާން ޖަވާބު ފެއްޓެވި އެވެ.
"އަޅުގަނޑު މިހުންނަނީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފަ"
ކޮންޓްރޯލާ ޖެނެރަލްގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ޝަމްއާން ވަނީ އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. ކުރީގެ ތާރީހު ހަނދުމަފުޅަށް ގެންނަވަމުން ޝަމްއާން ވިދާޅުވީ އިމިގްރޭޝަނަށް އޮތް އިތުބާރު ގެއްލި އެމްއެންޑީއެފްގެ ދަށަށް އެބާރުތައް ގެންދިޔަ ދުވަސްވަރެއް ވެސް އައި ކަމަށެވެ. އޭރު އިމިގްރޭޝަނަށް އޮތް އިހުތިރާމް ގެއްލިފައި އޮތްތަން ފެނުމުން އޮފިސަރެއްގެ ގޮތުގައި ހުންނަވައި ވަރަށް ދެރަވިކަމަށް ޝަމްއާން ވިދާޅުވި އެވެ.
އޭގެ މާބޮޑު ތަފްސީލަކަށް ވަޑައިގަންނަވަން ޝަމްއާން ބޭނުންފުޅެއް ނުވި އެވެ. މިއަދު މަންޒަރު ބަދަލުވެއްޖެ ކަމުގެ އިހުސާސް ޝަމްއާނަށް ކުރެވެ އެވެ. ސޯޝަލް މީޑިއާއަށް ބެލިކަމުގައި ވިޔަސް އަދި އިމިގްރޭޝަންގެ އޮފިސަރަކު މަގުމައްޗަށް ނިކުތްނަމަވެސް މީހުންގެ އިހުތިރާމާއި ގަދަރު އަނބުރާ ހޯދިއްޖެ ކަމުގެ ހިތްހަމަޖެހުން ޝަމްއާން ލިބިގަނެ އެވެ.
"ނުވެސް ދަންނަ ފަރާތްތައް ކައިރިއަށް އައިސް އަޅުގަނޑުމެންނާ ސަލާމް ކޮށްފަ އެބަ ބުނޭ ތިމަންނަމެން ފަހުރުވެރި ވެޔޭ މިހާރު"
އިމިގްރޭޝަނަކީ އޮތް ތަނެއްކަން އަދި މަސައްކަތްތަކެއްވެސް ކުރާ ބައެއްކަން މިއަދު މީހުންނަށް އެނގިއްޖެ އެވެ. ޝަމްއާން ދެއްވާ ޔަގީންކަމަކީ އާންމުން ކުރައްވާ އިތުބާރު ގެއްލުވައި ނުލާނެކަމުގެ ޔަގީންކަމެވެ. އަދި މިހާރުވެސް މަސައްކަތްތައް ކުރިއަށް ދާ މިންވަރަށް އަދި އެއަށްވުރެއްވެސް ހަލުވި މިނުގައި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަމެވެ.
ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ މުހިންމު ޒިންމާ މަތިކޮށްފައިވާ އިމިގްރޭޝަންގެ އޮފިސަރުން ކޮންމެ ދުވަހަކު އެއާޕޯޓުގައިވެސް ތިބެނީ ހުށިޔާރު ކަމާއިއެކު އެވެ. ގަވާއިދާއި ހިލާފަށް އެތެރެވާން އުޅޭ ނުވަތަ އެހެން ގައުމަކަށް ދިޔުމަށް ޓްރާންސިޓު ހަބެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރާ މީހުން ދެނެގަނެ އެފަދަ މީހުންގެ ފަރާތުން ނުރައްކަލެއް ކުރިމަތި ނުވާނެހެން އޮފިސަރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. ޝަމްއާން ދެކެވަޑައިގަންނަވާ ގޮތުގައި މަސައްކަތްތައް މި ދުވެލީގައި ކުރިއަށް ގެންދެވެނީ އެ އިދާރާގެ ހީވާގި މުވައްޒަފުން ވަރުބަލިކަމެއް ނެތި ޝައްގުވެރިކަމާއިއެކު ދައްކާ ހިތްވަރެއްގެ ސަބަބުންނެވެ.
ކުރިއަށް މިއޮތް ތިން އަހަރަކީ ޝަމްއާން މުހިންމު ތިން އަހަރެވެ. އަދި އެހާމެ ބުރަ ތިން އަހަރެވެ. ބިދޭސީންގެ މައްސަލަ މުޅިން ހައްލު ކޮށް ނިންމަން ޝަމްއާން ހުންނެވީ އަޒުމް ކަނޑައަޅުއްވައިގެންނެވެ. މިކަން ވަކި ހިސާބަކުން ދޫކޮށްލާނީތޯ މީހަކު ސުވާލު ކުރިޔަސް އެއީ ސުވާލެއް ކަމަކަށްވެސް ޝަމްއާން ގަބޫލެއް ނުކުރައްވަ އެވެ. އެއަށްވުރެއް މިމައްސަލަ ހައްލު ކުރުން މުހިންމުކަމަށް ޝަމްއާން ވިދާޅުވި އެވެ.
ގދ ތިނަދޫ ގައި ގަވާއިދާ ހިލާފައް އުޅޭބިދޭސީ ނާއިއެމީހުންހިންވިޔާފާރިޔާއި އެމީދިރިއުޅޭތަންތަނެއް އަދި ނުބަލާހެންހީވަނީ ކޮންއިރަކުތޯ ަލާނީ