ޚަބަރު އިޖުތިމާޢީ ސަރުކާރު

ޖަޕާނުގެ ހިލޭ އެހީގެ ދަށުން މާލޭގެ ބޭރު ތޮށި މަރާމާތް ކުރަނީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

މާލެ އައިލެންޑް ޑިޒާސްޓާ ރެޒިލިއަންސް އެންހޭންސްމަންޓް ޕްރޮޖެކްޓްގެ ހިލޭ އެހީގެ ދަށުން މާލޭގެ ބޭރު ތޮށި މަރާމާތުގެ ކުރުމުގެ އެކްސްޗޭންޖް އޮފް ނޯޓްސްގައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

Ads by Sosun Fihaara

މިއަދު ހެނދުނު ފޮރިން މިނިސްޓްރީ ގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި އެވެ.

ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ އެއްބަސްވުމުގައި ހިލޭ އެހީގެ ގޮތުގައި 20 މިލިއަން ޖަޕަނީސް ޔެން (140،000 ޑޮލަރު) ދޭން ނިންމާފައިވެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ އެ މަޝްރޫއު އަކީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމާ ގުޅުންހުރި އެހެނިހެން ކާރިސާތަކުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމަށް މުހިންމު މަޝްރޫއުއެއް ކަމަށެވެ.

އަދި އެއީ އަންނަން އޮތް ޖީލަށް ދެމެހެއްޓެނެވި ރައްކާތެރިކަން ފޯރުކޮށްދޭނެ މަޝްރޫއުއެއް ކަމަށްވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން ޒަމީރު ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލާފަ އެވެ. ރާއްޖޭގެ ތަރައްްގީގެ ދަތުރުގައި ޖަޕާނުން އަދާކުރަމުންދާ މުހިއްމު ދައުރު ފާހަގަކުރައްވައި، ޖަޕާނު ސަރުކާރުން ދެމުންދާ ދީލަތި އެހީތެރިކަމަށް ޒަމީރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

2004 ވަނަ އަހަރުގައި އިންޑިއާ ކަނޑުގެ ސުނާމީ ކާރިސާއަށް އިޝާރާތް ކުރައްވާ ޒަމީރު ވިދާޅުވީ 1990 ވަނަ އަހަރުގައި ޖަޕާނު ސަރުކާރުގެ އެހީގައި ބިނާކުރި މާލޭގެ ވަށާތޮށި މުހިންމު ދައުރެއް އަދާކުރި ކަމަށެވެ.

އެ ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބްވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ. އަދި ފޮރިން މިނިސްޓްރީއާ ކޮންސްޓްރަކްޝްން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީގެ އިސްވެރިން އަދި ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީގެ އިތުރުން ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސްބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!