ޚަބަރު ވިޔަފާރި

ރިސޯޓު ހަދަން ހުޅުވާލި ލިސްޓަށް އަނެއްކާވެސް ބަދަލެއް، ތިން ރަށެއް އުނިކޮށް ހަ ފަޅަކާއި އެއް ރަށް އިތުރުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރަށްތަކެއް: ރިސޯޓު ހަދަން ހުޅުވާލި ލިސްޓަށް ހަ ފަޅަކާއި އެއް ރަށް ވަނީ އިތުރުކޮށްފައި

ރިސޯޓު ހެދުމަށް މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ކުރި އިއުލާނުގައިވާ ރަށްރަށާއި ފަޅުތަކުގެ ލިސްޓަށް ޓުއަރިޒަމް މިނިސްޓްރީން އަނެއްކާވެސް ބަދަލު ގެނެސްފި އެވެ.

Ads by STELCO

ޓުއަރިޒަމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނި ގޮތުގައި ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދުގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ލިސްޓުން އުނިކުރި ތިން ތަނަކީ ޅ. ދިއްފުށި (ޅ. މައިދޫ އާއެކު) އާއި ތ. ކަނިމީދޫ (10 ހެކްޓަރުގެ ބިން) އަދި ގދ. ކަޅެހުއްޓާ އެވެ.

ރަށްތަކާއި ފަޅުތަކުގެ ލިސްޓަށް އިތުރުކުރި ރަށަކީ ގދ. ރާވެރިންކޮޅިހުއްޓާ އެވެ. ލިސްޓަށް އިތުރުކުރި ފަޅުތައް ދޫކޮށްފައި ވަނީ ބ، ކ، ވ، އދ ގެ އިތުރުން ގދ އަތޮޅުންނެވެ. ބ، ވ، އދ އަދި ގދ އަތޮޅުން އެއް ފަޅު ދޫކުރަން ނިންމާފައިވާއިރު ކ. އަތޮޅުން ތިން ފަޅެއް ދޫކުރުމަށް ވަނީ އިއުލާނުކޮށްފަ އެވެ. މި ތަންތަނުގެ ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބު ކުރެވޭނީ މިނިސްޓްރީން މީގެ ކުރިން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށެވެ.

މިދިޔަ މަހުގެ ފަހުކޮޅު ވެސް ލިސްޓަށް ބަދަލު ގެނެސްފައިވެ އެވެ. އެ ފަހަރު ލިސްޓުން ދެ ރަށަކާއި ފަޅެއް އުނިކޮށް، އެއް ފަޅު އިތުރުކުރަން ހިމެނި އެވެ.

މި ގެނައި ބަދަލުގެ އިތުރުން ލިސްޓުގައިވާ ތަންތަނަކީ:

  • ހދ. ވައިކަރަމުރައިދޫ - 15 ހެކްޓަރުގެ ބިން (1.9 މިލިއަން ޑޮލަރު)
  • ށ. ކުޑަޅައިމެންދޫ - 13.11 ހެކްޓަރުގެ ބިން (2 މިިލިއަން ޑޮލަރު)
  • ރ. ދިއްކުރެއްދޫ - 4.83 ހެކްޓަރުގެ ބިން (2.6 މިިލިއަން ޑޮލަރު)
  • ރ. ޅާނބުގަލި - 2.66 ހެކްޓަރު (1.65 މިލިއަން ޑޮލަރު)
  • ޅ. ވިހަފަރުފިނޮޅު - 0.28 ހެކްޓަރު (640،000 ޑޮލަރު)
  • ކ. ހިއްމިއްޔާ ފަޅު - 712 ހެކްޓަރު (23.5 މިލިއަން ޑޮލަރު)
  • ކ. އަތޮޅުގެ ފަޅެއް - 46 ހެކްޓަރު (8.4 މިލިއަން ޑޮލަރު)
  • އއ. އަލިކޮއިރަށް - 1.47 ހެކްޓަރު (1.3 މިލިއަން ޑޮލަރު)
  • ތ. ގާލީ (އެ އަތޮޅުގެ އެހެން ރަށަކާ އެކު) - 6.96 އާއި 0.20 ހެކްޓަރު (2 މިލިއަން ޑޮލަރު)
  • ތ. ރުއްތިބިރަށް - 8.41 ހެކްޓަރު (2.4 މިލިއަން ޑޮލަރު)
  • ލ. ކަށިދޫ - 3.11 ހެކްޓަރު (466،500 ޑޮލަރު)
  • ލ. ބޮޑުމުންޏަފުށި - 3.14 ހެކްޓަރު (471،000 ޑޮލަރު)
  • ލ. ހަންހުށި - 2.81 ހެކްޓަރު (421،500 ޑޮލަރު)
  • ގއ. ބޭރުމައުޑޫ - 3.08 ހެކްޓަރު (385،000 ޑޮލަރު)

އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެ މިނިސްޓްރީގެ [email protected] އަށް އީމެއިލް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން އެދެ އެވެ. އަދި ޕްރޮޕޯސަލް ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބުނެފައިވެ އެވެ.

Ads by HDC
  1. ކަލޭމެން ވެއްޖެއްނު އެހެންމީހުން ނަގާފަ ހުންނަ ފޮޓޯ ވަގައް ނަގައިގެން ބޭނުން ކުރުން ހުއްޓާލަން