ޚަބަރު އިޖުތިމާޢީ

އެއް މަސް ވަންދެން ބަންދުކޮށް، ކުޑަވާ އިނގިލި ބުރިކޮށްލައި، ގައިގައި އަލިފާން ޖެއްސި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މާލެ މަތިން ނަގާފައިވާ ފޮޓޯއެއް

މިއަހަރުގެ މެއި 25 ވަނަ ދުވަހުން ޖޫން 25 ވަނަ ދުވަހާއި ހަމައަށް 1 މަސް ދުވަސް ވަންދެން ބަންދުކޮށްފައި ބަހައްޓައިގެން އަނިޔާކޮށް، މަޖުބޫރުން އެކި ކަހަލަ ކުށްތައް ކުރުވި މައްސަލައިގެ ތަފްސީލު ފުލުހުން ހާމަކޮށްފި އެވެ.

Ads by Hajj Corporation

އުމުރުން 30 އަހަރުގެ ދިވެހި ފިރިހެން މީހަކު ބަންދުކޮށްގެން ގެންގުޅުނީ މާލޭ ގެއެއްގެ ތެރޭގަ އެވެ. އޭނާގެ ވައަތު ލޯމަތީގައި ބާރަށް ޖެހުމުގެ ސަބަބުން ލޮލަށް ވަނީ ލޭ އަރައިފަ އެވެ. އަދި ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖެއްސުމުގެ ސަބަބުން ޒަހަމްތަކެއް ލިބިފައިވާކަން ތަހުގީގަށް ފާހަގަވި އެވެ.

އަލިފާން ޖެއްސުމުގެ އިތުރުންވެސް ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅާ މާރާމާރީ ހިންގާފައިވާކަން ވަނީ ފާހަގަވެފަ އެވެ. މީގެ އިތުރުން އޭނާގެ ވައަތު ކުޑަވާ އިނގިލީގެ ދެވަނަ ބަދައިން ވަނީ ބުރިކޮށްލައިފަ އެވެ. މިކަން ކޮށްފައިވަނީ ތޫނު ހަތިޔާރެއް ބޭނުން ކޮށްގެންނެވެ.

ފުލުހުން ބުނި ގޮތުގައި ބަންދުކޮށްގެން ގެންގުޅުނު މުއްދަތުގެ ތެރޭގައި 30 އަހަރުގެ މީހާ ލައްވައި މަޖުބޫރު ކޮށްގެން މަސްތުވާތަކެތި ވިއްކާފައިވެ އެވެ. މިމައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ ޖޫން 25 ވަނަ ދުވަހު އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔުމުން އެތަނުގައި ހުރި ފުލުސް އޮފިސަރަށް ފާހަގަވެގެން އެންގުމުންނެވެ.

މިއަދު މެންދުރު ފަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިމައްސަލައިގައި ކުށްވެރިވާ މީހުންގެ ވަނަވަރުވެސް ވަނީ އާންމުކޮށްފަ އެވެ. އެގޮތުން ފަސް މީހެއްގެ ތަފްސީލު އާންމު ކުރި އެވެ.

މިއަހަރުގެ މެއި 25 އިން ފެށިގެން އެއް މަސް ދުވަސް ވަންދެން މީހަކު ބަންދުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރު ކުރި ފަސް މީހުން

އެމީހުންނަކީ ރ. ކަނދޮޅުދޫ، މިހުރާ، އަލީ ސާމީ (24އ)، ގދ. ގައްދޫ، ހުދުވެލި، އަހުމަދު ސާއިފް ވަހީދު (18އ)، ތ. ތިމަރަފުށި، އުތުރުގެއާގެ، މުހައްމަދު ނައުޝާން ހުސައިން (21އ)، ކ. މާފުށި، ފުލްމޫން، މުހައްމަދު ނަފާހް (23އ)، ލ.ގަން ތުނޑި، ލިންކް، އަހުމަދު ޒަޔާން (24އ) އެވެ.

މި ފަސް މީހުންގެ ތެރެއިން މުހައްމަދު ނަފާހު އާއި އަހުމަދު ޒަޔާން އަކީ އެމްއެންޑީއެފްގައި ވަޒީފާ އަދާކުރާ ދެ މީހުންނެވެ. ފުލުހުން ވަނީ މިމައުލޫމާތު އެމްއެންޑީއެފްއާ ހިއްސާ ކޮށްފަ އެވެ. އަދި އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެ އިދާރާއިން އަޅަމުން ދާނެކަމަށް ފުލުހުން ބުންޏެވެ.

އަލީ ސާމީ، އަހުމަދު ސާއިފް އަދި މުހައްމަދު ނައުޝާން އަކީ މީގެ ކުރިންވެސް މަސްތުވާ ތަކެތި ބޭނުން ކުރުމާއި އެތަކެތި ގެންގުޅުމުގެ ރެކޯޑު އޮންނަ މީހުންކަމަށް ފުލުހުން ބުންޏެވެ.

މި ފަސް މީހުންވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ. ފުލުހުން ވަނަވަރު އާންމުކުރި ފަސް މީހުންގެ އިތުރުން އުމުރުން 18 އަހަރު ނުފުރޭ ތިން ކުއްޖަކު މިމައްސަލައިގައި ހިމެނެ އެވެ. އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުންނެވެ.

Ads by Ooredoo
  1. އިއްބރ

    މިފަދަކަންކަންކުރާ.މީހުނަށް މަރުގެއަދަބު ދޭނެޤާނޫނެއްހަދަންނޭންގެނީކީއްވެ

    • ގާނޫނު އޮތީ ހެދިފަ..ތަންފީޒުކުރަން ނުކެރެނީ