ޚަބަރު

ސިޓީ ހޮޓަލުގެ މައްސަލައިގައި ވަށަފަރު ކައުންސިލްގެ ނުރުހުން ޓޫރިޒަމް މިނިސްޓްރީއަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހއ. ވަށަފަރު--

ހއ. ވަށަފަރު ކައުންސިލުން މީގެ 10 އަހަރު ކުރިން އެ ރަށުގައި ސިޓީ ހޮޓަލެއް އަޅަން ދޫކުރި ބިމަކާ މެދު ޓޫރިޒަމް މިނިސްޓްރީން އަމަލުކުރި ގޮތުން އެ ރަށު ކައުންސިލުން ނުރުހުން ފާޅުކޮށްފި އެވެ.

Ads by Hajj Corporation

ވަށަފަރު ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ސިޓީ ހޮޓާ ތަރައްގީ ކުރުމަށް ވަށަފަރު ހުޅަނގު ކޮޅުން 300،000 އަކަ ފޫޓުގެ ބިމެއް 2014 ވަނަ އަހަރު ހއ. ހޯރަފުށި، ސޯސަންމާގެ، ތަލްހަތު ރަޝީދުއަށް ހަމަޖައްސައިދިން ކަމަށެވެ. އަދި މަސައްކަތަށް ބޭނުންވާ ތަކެތި ގުދަން ކުރުން ފަދަ ކަންކަމަށް ސިޓީ ހޮޓާގެ ބިމާ އިންވެގެން 35،000 އަކަ ފޫޓުގެ ބިމެއް ވެސް ހަމަޖައްސައިދިން ކަމަށެވެ.

އެއީ ފަސް އަަހަރުން މަސައްކަތް ނިންމާ ގޮތަށް ކަމަށް ވެސް ވަށަފަރު ކައުންސިލުން ބުނެއެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް ހޮޓާގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ކައުންސިލުން ބުންޏެވެ.

އެ ކަން އެހެން އޮއްވައި މިދިޔަ އޭޕްރީލް މަހު ކައުންސިލުން ވަނީ 35،000 އަކަ ފުޓޫގެ ބިމުން އަކަ ފޫޓަކަށް 2 ރ. ރޭޓުން ކުލި ނެގުމަށް ވެސް ފާސްކޮށްފަ އެވެ.

ނަމަވެސް ކައުންސިލުން ބުނީ އެ ގޮތަށް ކުލި ދައްކަން އެންގުމުން އެ ބިމަކީ ޓޫރިޒަމް މިނިސްޓްރީގެ ބިމެއް ކަމަށާއި އެ ކުލި ކައުންސިލަށް ދައްކަން ނުޖެހޭ ކަމަށް އަންގާފައިވާ ކަމަށެވެ.

ހަމަ އެހެންމެ ޓޫރިޒަމް މިނިސްޓްރީން ކައުންސިލަށް ފޮނުވާފައިވާ ސިޓީއެއްގައި އެ ފައިސާއަކީ ކައުންސިލަށް ދައްކަން ޖެހޭ ފައިސާއެއް ނޫން ކަން ދޭހަވާ ފަދަ މޭރުމަކުން ބުނެފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އަދި އެ ކަމާ ގުޅޭ ގޮތުން ކައުންސިލުން ފޮނުވާ ސިޓީތަކަށް ޓޫރިޒަމް މިނިސްޓްރީން ޖަވާބު ވެސް ނުދޭ ކަމަށް ބުނެ ކައުންސިލުން އެ ކަން ވަނީ ހަރުކަށި އިބާރާތުން ކޮށްވެރިކޮށްފަ އެވެ.

ވަށަފަރުގައި މި ކަމާ ގުޅިގެން ހިނގައިލުމެއް ވެސް ރަށު މީހުން ބާއްވާފައިވެ އެވެ.

Ads by Allied Insurance
  1. ދިވެހި އެދުރުން

    ކައުންސިލްގެ އިޚްތިސާސަށް ޓުއަރިޒަމް މިނިސްޓްރީ އަދި ސަރުކާރުގެ އެހެން އޮފީހަކުން ނުވަދެވޭނެ އެއީ މިނިޒާމާ ޚިލާފު ކަމެއް