އިންތިހާބާ ގުޅިގެން ލަންކާގައި ދިރިއުޅޭ ދިވެހީން ސަމާލުވުމަށް އިލްތިމާސްކޮށްފި

އަންނަ ހޮނިހިރު ދުވަހު ސްރީލަންކާގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން ލަންކާގައި ދިރިއުޅޭ ދިވެހީން ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީން މިރޭ އެކްސްގައި ބުނީ ލަންކާގެ ރިޔާސީ އިންތިހާބާއި ގުޅިގެން، ސަލާމަތީ ފިޔަވަޅުތައް އިތުރުކުރެވިފައިވާތީއެކު މިދަނޑިވަޅުގައި ދިވެހީން އިތުރަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
އެގޮތުން ބޭރަށްދާއިރު ކާކުކަން އެނގޭ އައިޑެންޓިފިކޭޝަން ގެންގުޅުމަށާއި ވޯޓުލާ މަރުކަޒުތައް ކައިރިއަށް ނުދިއުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި ދަން ގަޑިތަކުގައި ބޭރުގައި ނޫޅުމަށާއި، ފުލުހުން ނުވަތަ ސަލާމަތީ ހިދުމަތްތަކުގެ އިރުޝާދުތަކަށް ކިޔަމަންވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
އޭގެ އިތުރުން ކުރިއަށް އޮތް ބަންދު ދުވަސްތަކަށް ވިސްނައި ވިސާއާއި ގުޅުންހުރި ކަންކަން ހަމަޖެއްސެވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ބޭސްފަރުވާއާއި ތައުލީމާއި އެކި ކަންކަމަށް ލަންކާގައި 15،000 އެއްހާ ދިވެހީން އުޅެ އެވެ.