ޚަބަރު އިޖުތިމާޢީ

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށް ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް ފަށަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މިދިޔަ އަހަރު ބޭއްވި ސުބަންގް ކަޕްގެ ތެރެއިން / ފޮޓޯ:ލީފްފޮޓޯސް

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށް ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް، ސުބަންގް ކަޕް ފަށަން ތައްޔާރުވެއްޖެ އެވެ.

Ads by STELCO

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ސުބަންގް ޖާޔާގަ އެވެ. އެއް ދުވަހުގެ މުއްދަތަށް ބާއްވާ ސުބަންގް ކަޕް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނެވެ.

މި މުބާރާތަކީ މެލޭޝިއާގައި ދިރިއުޅެމުން އަންނަ ދިވެހިންގެ މެދުގައި އެކުވެރިކަން އާލާކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއީ މި މުބާރާތް ބާއްވާ ހަތަރު ވަނަ އަހަރެވެ. މި އަހަރުގެ މުބާރާތުގައި ޖުމްލަ 15 ޓީމަކުން ވާދަކުރާނެ އެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ކުޅެވޭނީ މެލޭޝިއާ އާއި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނަށެެވެ. އެހެންނަމަވެސް ޓުއަރިސްޓް ވިސާގައި އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް ވަނީ ދީފަ އެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި މުބާރާތުގައި ވެސް ރާއްޖޭގެ މަޝްހޫރު ބައެއް ކުޅުންތެރިން ކުޅޭނެ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި އަޔާޒު އަހްމަދާއި އަލީ ޝިޔާހާއި އަހްމަދު އައިހަމާއި މުހައްމަދު ލިޔާހުގެ އިތުރުން ނިޝާމް މުހައްމަދު ރަޝީދު ހިމެނެ އެވެ.

ތިން ގްރޫޕަކަށް ޓީމުތައް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 3،000 މެލޭޝިއަން ރިންގެޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރަނަރަޕް ޓީމަށް 1،000 ރިންގެޓް ދޭނެ އެވެ.

Ads by HDC