ޓެކްސީ ސެންޓަރުގައި ރަޖިސްޓްރީ ނުކޮށް ލައިސެންސް ނުލިބޭ ގޮތަށް ގަވައިދު ބަދަލުކޮށްފި

ޓެކްސީކުރާ ފަރާތްތައް، ޓެކްސީ ސެންޓަރުގައި ރަޖިސްޓްރީ ނުކޮށް، ލައިސެންސް ނުލިބޭ ގޮތައް އަނެއްކާވެސް ގަވައިދު ބަދަލުކޮށްފި އެވެ.
މިދިޔަ ހަފްތާގައި ޓްރާންސްޕޯޓް މިނިސްޓްރީން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި އާ އިސްލާހުގައިވާ ގޮތުން ކާރު ޓެކްސީގެ ލައިސެންސް ދޫކުރެވޭނީ އެކަމަށް އެދޭ އުޅަނދަކީ އެ ގަވައިދުގެ 6 ވަނަ މާއްދައިގެ ދަށުން ލައިސެންސް ލިބިފައިވާ ޓެކްސީ ސެންޓަރެއްގައި ލިސްޓު ކޮށްފައިވާ އުޅަނދަކަށްވާ ކަމުގައި ވަނީނަމަ އެވެ.
އަދި ލައިސެންސް ހޯދަން އެދޭ ފަރާތްތަކުން އެކަމަށް އެދޭ އުޅަނދަކީ ޓެކްސީ ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއްކަން އަންގައިދޭ ލިޔުން ހުށަހެޅުމަށްވެސް އިސްލާހުގައިވެ އެވެ.
އެ ގަވައިދަށް މިދިޔަ އަންގާރަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާފައިވާ ކަމަށް އިސްލާހުގައިވެ އެވެ. އަދި ގަވައިދަށް އަމަލުކުރަން ފެށި ހިސާބުން ކުރިން އަމަލުކުރަމުން އައި އިސްލާހު އުވިގެން ދާނެ ކަމަށްވެސް މިނިސްޓްރީމް ކޮށްފައިވާ އިއުލާނުގައި ބުންޏެވެ.
2022 ވަނަ އަހަރުގައި ޓެކްސީ ގަވައިދަށް ގެނައި އިސްލާހުގައިވާ ގޮތުން، ޕްރައިވެޓް ހަޔާގެ ދަށުން ޓެކްސީ ސެންޓަރެއްގައި ރެޖިސްޓްރީ ކުރުމެއް ނެތި ވެސް ޓެކްސީ ހިދުމަތް ދެވޭނެ އެވެ.