ޚަބަރު

ކޮރަޕްޝަންގެ މައްސަތައް ތަހުގީގުކުރަން ޕްރޮސިކިއުޓަރުންގެ އެހީތެރިކަން ދެއްވާނަން: އައްބާސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޕީޖީ އައްބާސް އޭސީސީގެ ރައީސްއާ ބައްދަލުކުރެއްވުން--

ކޮރަޕްޝަންގެ މައްސަތައް ތަހުގީގުކުރަން ޕްރޮސިކިއުޓަރުންގެ އެހީތެރިކަން ދެއްވާނެ ކަަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ޕީޖީގެ މަގާމަށް އައްބާސް އައްޔަނުކުރެއްވީ މިދިޔަ ބުދަ ދުވަހު އެވެ.

އަދި މަގާމާ ހަވާލުވުމަށް ފަހު އޭނާ ގެންދަވަނީ އަދުލުގެ ދާއިރާއާ ގުޅުންހުރި ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަމުން ނެވެ.

އެގޮތުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމްއާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއާ ކުރިން ބައްދަލުކުރައްވާފައިވާ އިރު މިއަދު އައްވާސް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލްއާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ޕީޖީ ވަނީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އޭސީސީން ކުރަމުންދާ މަސައްކަތުގައި އެ އޮފީހުގެ ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.

އަދި ކޮރަޕްޝަންގެ މައްސަލަތައް ކޯޓުގައި ކާމިޔާބު ކުރުމަށްޓަކައި ދެ މުއައްސަސާ އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ޕީޖީ ފާހަގަކުރެއްވި އެވެ.

އެގޮތުން ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގުތައް އިތުރަށް ހަރުދަނާކޮށް މިހާރަށްވުރެ ވަރުގަދަ ކުރުމަށްޓަކައި އިންވެސްޓިގޭޓަރުންނަށް، ޕްރޮސިކިއުޓަރުންގެ އިތުރު އެހީތެރިކަން ބޭނުންވާނަމަ، އެކަމަށް މަގު ފަހިކޮށްދެއްވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ. 

ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ އަވަސްކުރެއްވުމަށް ވެސް އައްބާސް މިއަދު ވަނީ ބާރުއަޅުއްވައިފަ އެވެ.

Ads by Allied Insurance