ތިން ރަށެއްގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖު ހަދަން ހަވާލުކޮށްފި

ތިން ރަށެއްގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖު ހަދަން ފިޝަރީޒް މިނިސްޓްރީން މިފްކޯއާ ހަވާލުކޮށްފިި އެވެ.
އައިސްޕްލާންޓާއި އައިސް ސްޓޯރޭޖު ހަދަން މިފްކޯއާ ހަވާލުކުރީ ދ.މީދޫ، ދ.ބަނޑިދޫ އަދި ށ.ފުނަދޫގަ އެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށްފަ އެވެ.
އެ އެއްބަސްވުމެއްގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނި ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) އިލްޔާސް ހަނީފް އެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންޝަލް ކޮންޓްރޯލަރ އީނާޒް ނަސީރު އެވެ.
މިފްކޯއިން ބުނީ ކޮންމެ ރަށެއްގައި އަޅާން ނިންމާފައިވަނީ 30 ޓަނުގެ އައިސްޕްލާންޓް ކަމަށެވެ. އަދި ކޮންމެ އައިސް ޕްލާންޓެއްގެ އަގަކީ 8 މިލިއަން ރުފިޔާ ކަމަށެވެ.
މިފްކޯއިން ބުނީ އެ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކަމަށެވެ.
އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަށް މަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ.