އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ފީފާގެ ވަފުދާ ހިއްސާކޮށްފި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް)ގެ ހިޔާނާތުގެ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ރާއްޖެ މިހާރު ވަޑައިގެން އުޅުއްވާ ފުޓްބޯޅައާބެހޭ ޖަމިއްޔާ (ފީފާ) ގެ ވަފުދާ ހިއްސާކޮށްފި އެވެ.
ހޮޓެލް ޖެންގައި މިއަދު ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ޕްރޮސިކިއުޓާ ޖެެނެރަލް އައްބާސް ޝަރީފްއާއި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުން ބައިވެރިވެލެއްވި އެވެ.
މިއީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ އެދިވަޑައިގަތުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ޕީޖީން މައުލޫމާތުދެ އެވެ.
އެގޮތުން އެ ބައްދަލުވުމުގައި އެފްއޭމްއެމްގެ ހިޔާނާތުގެ މައްސަލައިގެ އެންމެ ފަގުގެ މައުލޫމާތު ހިއްސާކޮށް އެ ހިޔާނާތުގެ ސަބަބުން އެފްއޭއެމަށް ގެއްލިފައިވާ ފައިސާއާއި، މުދާ އަނބުރާ ހޯދުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ޕީޖީން ބުންޏެވެ.
އަދި އެފްއޭއެމްގެ ކުރީގެ ވެރިންގެ މައްޗަށް ހިންގަމުންދާ ޖިނާއީ ތަހުގީގާ ގުޅިގެން، އެފްއޭއެމްގެ މަސައްކަތްތައް އާންމު ހާލަތަކަށް ރުޖޫއަކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިމާވާ ދަތިތައް އެފްއޭއެމްގެ ފަރާތުން އެ ބައްދަލުވުމުގައި އައްބާސްއާ ވަނީ ހިއްސާކޮށްފަ އެވެ. އަދި އައްބާސް ވަނީ ތަހުގީގީ އިދާރާތަކާ ގުޅިގެން އެކަންކަން ހައްލުކޮށް ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.
އަދި އެފްއޭއެމްގެ ތެރޭގައި އެފަދަ ކަންކަން ތަކުރާރުނުވާނެގޮތަށް އަމާޒުކޮށްގެން ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތައް ބައްޓަންކުރުމަށް ވެސް އައްބާސް ވަނީ ބާރުއަޅުއްވައިފަ އެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްއާއި އިތުރު ބައެއްގެ މައްޗަށް ވަނީ ދައުވާކުރަން ފޮނުވައިފަ އެވެ.
ފުލުހުން މިދިޔަ ހަފްތާގައި ބުނީ ބައްސާމް ދެ އެޕާޓްމަންޓް ގަންނަން ވެސް އެފްއޭއެމްގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ.