ޚަބަރު އިޖުތިމާޢީ ސަރުކާރު

ޓޫރިސްޓް އުޅަނދުތަކުގެ އެޖެންޓުކަން ހަމަ އެކަނި ދިވެހިންނަަށް ކުރެވޭ ގޮތަށް ބަދަލުކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ހުޅުމާލެ ފަޅު ތެރޭގައި ބޯޓުތަކެއް

ޓޫރިޒަމް އުޅަނދުފަހަރުގެ އޭޖެންޓެއްގެ ގޮތުގައި ހަވާލުވެވޭނީ ހަމައެކަނި ދިވެހި ކުންޏަކަށް ކަމަށް ކަނޑައަޅައި، ދިވެހި ރާއްޖެއަށް އަންނަ ބޭރުގެ ޓޫޒިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާ ބެހޭ ގަވައިދަށް އިސްލާހެއް ގެނެސްފި އެވެ.

Ads by MWSC

ޓޫރިޒަމް މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި އިއްޔެ އާއްމުކުރި ގަވައިދުގައިވާ ގޮތުން އެފަދަ ކުންފުންޏެއްގެ ހިއްސާދާރުންގެ ގޮތުގައި ކުންފުންޏެއް ނުވަރަ ޕާޓްނާޝިޕެއް ނުވަތަ ސޯލް-ޕްރޮޕްރިއޭޓާޝިޕެއް ހިމެނޭ ނަމަ، އެފަދަ ކުންފުންޏެއްގެ ބައިވެރިންގެ ގޮތުގައި ތިބެންޖެހޭނީ ހަމައެކަނި ދިވެހިން ކަމަށެވެ.

އެ އިސްލާހުގެ ތެރޭގައި އިތުރަށް ހިމަނާފައިވާ ކަންކަމުގެ ތެރެއިން އެއްކަމަކީ ރާއްޖެ އަންނަ ލައިނާތަކަށް އަންނަ ޕެސެންޖަރުންނަށް ދޭ ޝޯ އެކްސްކާޝަން ދިނުމުގައި ހަމައެކަނި ހަރަކާތްތެރިވެވޭނީ އުޅަނދުގެ ފަޅުވެރިންނަށް ނުވަތަ އުޅަނދު ރާއްޖެ އަށް އައިއިރު އުޅަނދުގައި ތިބި ޕަސެންޖަރުންނަށް ކަމަށެވެ.

އަދި ޓުއާ ގައިޑުންނާ ބެހޭ ގަވައިދު ގެ ދަށުން ހުއްދަ ދޫކޮށްފައިވާ ޓުއާ ގައިޑުންނަށްވެސް މިކަމުގައި ހަރަކާތްތެރިވެވޭނެ ކަމަށް ގަވައިދުގައިވެ އެވެ.

ގަވައިދަށް އިސްލާހު ގެނެސްފައިވާއިރު، ޓޫރިސްޓު އުޅަނދު ރާއްޖޭގައި ބަނދަރުކުރުމާއި ދުއްވުމުގެ ޕެސެންޖާ ލައިސަންސް ދޫކުރާ އިރު އަގު ނަގާ އުސޫލަށް ވެސް ބަދަލުތަކެއް ގެނެސްފައިވެ އެވެ.

އެ ބަދަލަކީ 75 މީޓަރަށް ވުރެ ދިގު 100 މީޓަރަށް ވުރެ ކުރު އުޅަނދުތަކުން ލައިސަންސް ފީއަށް 650 ޑޮލަރު ނެގުމެވެ.އަދި 100 މީޓަރަށް ވުރެ ދިގު، ކްރޫޒް ލައިނާ ނޫން އުޅަނދުތަކަށް ވަކި ކެޓަގަރީއެއް ހަދައި އެ ކެޓަގަރީއަށް 750 ޑޮލަރު ނަގާ ގޮތަަށް އިސްލާހު ގެނެސްފައިވެ އެވެ.

އާ އިސްލާހު ގެނައުމުގެ ކުރިން ގަވައިދުގައި ވަނީ ޓޫރިސްޓު އުޅަނދުގެ ދިގުމިން 75 މީޓަރާއި 100 މީޓަރާ ދެމެދުގެ އުޅަނދުތަކުން ޕެސެންޖާ ލައިސަންސް ފީއެއްގެ ގޮތުގައި ނަގަނީ ދުވާލަކަށް 700 ޑޮލަރު ކަމަށެވެ.

Ads by Allied Insurance