ނުރައްކާތެރި ކެމިކަލް ގެންގުޅޭ ގުދަންތައް އިންސްޕެކްޓްކުރަން ފަށަނީ
ނުރައްކާތެރި ކެމިކަލް ގެންގުޅޭ ގުދަންތައް އިންސްޕެކްޓްކުރަން ޑިފެންސް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެކި ބޭނުންތަކަށްޓަކައި ރާއްޖެއަށް އެތެރެކުރާ ކެމިކަލްތައް ގުދަންކުރުމާއި ގެންގުޅުމުގައި ބައެއް ފަރާތްތަކުން ގަވައިދާ ހިލާފަށް އަމަލުކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެކަމުގެ ޝަކުވާވެސް ލިބެމުންދާ ކަމަށެވެ.
އަދި އުސޫލުތަކާ ހިލާފަށް ކެމިކަލްތައް އެގޮތަށް ގެންގުޅުމަކީ ވަރަށް ނުރައްކާތެރި ކަމަށާއި އޭގެ ސަބަބުން އިއާދަ ނުކުރެވޭ ފަދަ ގެއްލުންތަކަކަށް ދިވެހި ރައްޔިތުން ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އެހެންކަމުން އަންނަ މަހު އެކަކުން ފެށިގެން ނުރައްކާތެރި ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން އިންސްޕެކްޓްކުރުމަށާއި ނުރައްކާތެރި ކެމިކަލް އެތެރެކޮށް ގެންގުޅުމާއި ގުދަން ކުރުމުގައި އަމަލުކުރުމަށް ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކަށް އާންމުން ހޭލުންތެރި ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ޒޯންތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ ކުރިން 2019 ވަނަ އަހަރު މާލޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ހާދިސާއަކީ ފަހުގެ އަހަރުތަކުގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ އެވެ.
އެ ހާދިސާއާ ގުޅިގެން ސަރުކާރުން ކެމިކަލް ގެންގުޅުމުގައި އާ އުސޫލުތަކެއް އެކުލަވާލައި މާލޭގައި ކެމިކަލް ހުދަން ކުރުން އޮތީ މަނާކޮށްފަ އެވެ.
މިހާރު ކެމިކަލް ގުދަން ކުރެވޭނީ ވަރަށް ހަރުކަށި އުސޫލުތަކެއްގެ ތެެރެއިން ހުޅުމާލެއިން ހާއްސަ ސަަރަހައްދެއްގަ އެވެ.