ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަން ޓޫރިޒަމް މިނިސްޓަރު ފުވައްމުލަކަށް

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ފުވައްމުލަކު ސިޓީއަށް ވަޑައިގެންފި އެވެ.
ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.
މިނިސްޓަރުގެ މި ދަތުރުފުޅުގައި ފުވައްމުލަކު ސިޓީގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި އެ ބައްދަލުވުމުގައި ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި، ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ފުވައްމުލައް ޓޫރިޒަމް އެވޯޑް 2024" ގެ ހަފުލާގައި ހާއްސަ މެހެމާނެއް ގޮތުގައި މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ހަފުލާގައި ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް އެވޯޑު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރުގެ މި ދަތުރުފުޅަކީ ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ދަތުރުފުޅެއް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުންގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ،