ޚަބަރު އިޖުތިމާޢީ

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިނގިލިން ތިން މީހަކު ހައްޔަރުކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
މަސްތުވާތަކެތީގެ މައްސަލަގާއި ވިލިނގިލިން ހައްޔަރުކުރި ތިން މީހުން/ ފޮޓޯ:ފުލުހުން

މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލިން 3 މީހަކު ހައްޔަރުކޮށްފި އެވެ.

Ads by Hajj Corporation

ފުލުހުން މިއަދު ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ނާކޮޓިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިނގިލީ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހޮނިހިރު ދުވަހުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ މައްސަލަގާއި ހައްޔަރުކޮށްފައިވަނީ:

  • ގއ. ވިލިނގިލި / އެތެންސް، މުހައްމަދު އަތޫފް ހަބީބް (24އ)
  • ގއ. ވިލިނގިލި / ޒޫމް، މުހައްމަދު ތަޤިއްޔު (25އ)
  • ގދ. ގައްދޫ / ވިލަސް، މުހައްމަދު ޒަހުވާން (23އ)

ވިލިނިގިލީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ 3 މީހުން ހައްޔަރުކޮށް، އެތަނުން އެކަކު ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތް ރަބަރު ޕެކެޓާއި، ހަތަރު ރަބަރުކޮޅާއި، ސެލޯފިންކޮޅެއްގެ އިތުރުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 20 ލީޓަރުގެ ހަމެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އަތޫފް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި ދެން ތިބި 2 މީހުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން ދާކަމަށްވެސް ފުލުހުން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!