ޚަބަރު

އޭސީސީން މިދިޔަ ޖުލައި މަހު ޕީއެސްއެމްގެ ހިޔާނާތް ތަހުގީގު ކުރަން ފެށި

އަލީ ސަމާޙް ، ދެން އޮންލައިން
ދައުލަތުގެ މީޑިއާ، ޕީއެސްއެމް ހިންގާ އިމާރާތް/ ފޮޓޯ: ދެން

ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ޑޮލަރު ގަތުމަށް ނެގި ފައިސާ އާއި އާމްދަނީގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާއާގުޅޭ މައްސަލަ ޖުލައި މަހުން ފެށިގެން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.

Ads by Sosun Fihaara

އޭސީސީން އެހެން ބުނީ، ޑޮލަރު ގަތުމުގެ ނަމުގައި 2017 ވަނަ އަހަރުން ފެށިގެން މިދިޔަ އެޕްރީލް މަހުގެ ނިޔަލަށް 9,034,083ރ ގެއްލިފައިވާކަން ފާހަގަކުރެވޭ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އިއްޔެ ހޮނިހިރު ދުވަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވާތީ އެވެ.

އިއްޔެ އޭސީސީން އާއްމުކުރި ބަޔާނެއްގައި ބުނީ، ޕީއެސްއެމްއިން އެ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައަކީ ފަބްލިކް ސާވިސް މީޑިއާއިން މި ކޮމިޝަނަށް ހުށަހަޅައިގެން މި ކޮމިޝަނުން މި ޖުލައި މަހުން ފެށިގެން ތަހުގީގު ކުރަމުންއަންނަ މައްސަލައެކެވެ.

އޭސީސީން ބުނީ މައްސަލައިގެ "ޕްލިމިނަރީ ތަހުގީގު" ނިންމައި، އިތުރަށް ތަހުގީގު ކުރަންޖެހޭ ކަންކަން ހުރުމާއެކު އެ މައްސަލަ އިތުރަށް ތަހުގީގުކުރަން ފަށައިފައިވާ ކަމަށެވެ.

އަދި މައްސަލައާއި ގުޅުންހުރި ޕީއެސްއެމްގެ ހާއްސަ އޮޑިޓް ކުރިޔަށް ދިޔައިރު، އޮޑިޓާ ޖެނެރަލްގެ އޮފީހުން މި ކޮމިޝަނާ މަޝްވަރާކޮށް، މައްސަލައާ ގުޅުންހުރިހެއްކާއި ގަރީނާއަށް އަސަރު ނުކުރާނެގޮތަށް ދެ މުއައްސަސާއިން އެކުގައި މަސައްކަތްކޮށްފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.

އޮޑިޓުގައި ބުނި ގޮތުގައި 2017 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ޕީއެސްއެމްއަށް ލިބުނު 4.23 މިލިއަން ރުފިޔާ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމުގަ އެވެ. އެ ފައިސާގެ ތެރެއިން 4.15 މިލިއަން ރުފިޔާ އާ އެންމެފަހުން ހަވާލުވީ އެ ކުންފުނީގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު, އަހުމަދު ހަނީފް ކަމަށެވެ.

އެ ފައިސާގެ އިތުރުން މި އަހަރު ބަލައިގަނެފައިވާ 31,000ރ ޖަމާކޮށްފައި ނުވާ ކަމަށެވެ.

އަދި ތިޖޫރީގައި ޕެޓީކޭޝް ފިޔަވައި ނަގުދުން ހުންނަން ޖެހޭ 190,087ރ ބޭންކް އެކައުންޓަށް ޖަމާކުރުމަށް ހަވާލުވެފައިވާކަން އެނގެން އޮތްއިރު، އެ ފައިސާ ޕީއެސްއެމްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާ ކަމުގަ އެވެ.

އޮޑިޓުގައި އިތުރަށް ފާހަގަކޮށްފައި ވަނީ އެކި ފަހަރުމަތިން ޑޮލަރު ގަތުމަށް ނަގާފައިވާ ފައިސާގެ ތެރެއިން 4,583,701ރ އަށްވާ 297,257 ޑޮލަރު ޕީއެސްއެމްއަށް ލިބިފައި ނުވާ ކަމަށެވެ. ޗެކް މެދުވެރިކޮށް ނެގި 968,580ރ އާ އޭނާ ހަވާލުވެ ސޮއިކޮށްފައިވާ ކަމާއި ބާކީ ހުރި ފައިސާ ނުލިބިގެން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

Ads by Allied Insurance