އިންކަމް ޓެކްސް ބަޔާން ހުށަނާޅާ ބޮޑެތި ކުންފުނިތަކުގެ ތެރެއިން 43 ކުންފުންޏެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފި އެވެ.
ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން، މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅާފައިނުވާ ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފައި ވަނީ އިއްޔެ އެވެ. އެގޮތުން ޝާއިއުކުރި ލިސްޓުގައި ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުގެ ގޮތުގައި އެ އޮތޯރިޓީން ގިންތިކޮށްފައިވާ ޖުމްލަ 43 ފަރާތެއްގެ ނަން ވަނީ ހާމަކޮށްފަ އެވެ.
ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުގެ ގޮތުގައި މީރާއިން ގިންތިކޮށްފައި ވަނީ އަހަރެއްގެ ތެރޭގައި އެ ފަރާތެއްގެ ޖުމްލަ އާމްދަނީ 200 މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ އިތުރުވާ ފަރާތްތަކާއި އެ ފަރާތްތަކާ ގުޅުންހުރި ފަރާތްތަކެވެ. މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށައަޅާ ފައިސާ ދެއްކުމުގެ ސުންގަޑިއަކީ ޖޫން މަހުގެ 30 ވަނަ ދުވަހެވެ.
މީރާއިން ބުނީ ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އީމެއިލް އާއި އެސްއެމްއެސް އަދި ފޯނުގެ ޒަރީއާއިން މުއާމަލާތުކޮށްފައިވާ ކަމަށެވެ. އެގޮތުން ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތައް ހަނދާންކޮށްދީ، އެ އިލްތިޒާމުތައް އަދާކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައި ވާނެ ކަމަށެވެ.
ދައުލަތަށް ދައްކަން ޖެހި ނުދައްކާވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅާފައިވާ އިތުރު ފިޔަވަޅުތައް ތަފާތު ކުރުމެއް ނެތި އަޅަމުން ގެންދާނެ ކަމަށް މީރާއިން ބުނެ އެވެ. ވުމާ އެކު މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކާ ފަރާތްތަކުން ލަސްނުކޮށް ޓެކްސް ދެއްކުމަށް އެ އޮތޯރިޓީން އިލްތިމާސް ކުރެ އެވެ.
އިތުރަށް ބުނި ގޮތުގައި ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ހިމަނާފައިވާ ފަރާތްތަކުން ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުން، ލިސްޓުން އެ ފަރާތެއްގެ ނަން އުނިކުރެވޭނެ ކަމުގަ އެވެ.