ޚަބަރު އިޖުތިމާޢީ

ރަނި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މިދިޔަ އަހަރު ބޭއްވި ރަނި އެވޯޑް ދިނުމުގެ ހަފުލާގެ ތެރެއިން / ފޮޓޯ:މާލެ ސިޓީ ޑަބްލިއުޑީސީ

މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ފަރާތުން ދެމުން އަންނަ "ރަނި އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Ads by MWSC

ރަނި އެވޯޑަކީ މާލެ ސިޓީ ޑަބްލިއުޑީސީގެ ފަރާތުން މާލެ ސިޓީގެ ހަ އަވަށަށް އަމާޒުކޮށް، 18 ދާއިރާގައި ތިބި އަމިއްލަ މަސައްކަތުން ކުރިއެރުން ހޯދަމުން އަންނަ އަންހެނުންނަށް ހާއްސަކޮށްގެން ދޭން ފެށި އެވޯޑެކެވެ. މި އެވޯޑު ދޭން ފަށާފައި ވަނީ މިދިޔަ އަހަރު އެވެ.

މާލޭ ސިޓީ ކައުންސިލުގެ އިދާރާއިން މިއަދު ގެޒެޓުގައި ކުރި އިއުލާނުގައި ބުނީ އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު ސިޓީ ކައުންސިލުގެ ވެބްސައިޓް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު ފުރުމަށްފަހު މެއިލް ކުރާނަމަ ޑަބްލިއުޑީސީގެ މެއިލް އެޑްރެހަށް މެއިލް ކުރެވޭނެ ކަމަށެވެ.

އިތުރަށް ބުނި ގޮތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އޮފީސް ހުންނަ މއ. ޖަންބުގަސްދޮށުގެ ތިން ވަނަ ފަންގިފިލާއަށް ގޮސް ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ އޮފީހުން ފޯމު ދޫކުރާނެ ކަމުގަ އެވެ. އެގޮތަށް ފުރޭ ފޯމު އެ އޮފީހުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 1:30 އަށް ބަލައިގަންނާނެ ކަމުގަ އެވެ.

އެވޯޑަށް ކުރިމަތިލުމުގެ އެންމެފަހު ތާރީހަކީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 01:30 އެވެ. ރަނި އެވޯޑުގެ ގަވާއިދު ކަރުދާސް އިއުލާނާ އެކު ވަނީ އެއްކަރުދާސްކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!