ޚަބަރު އިޖުތިމާޢީ

ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ 20,000 އިން މަތީގައި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ދިވެހިރާއްޖޭގެ އާބާދީގެ 5 އިންސައްތަ, 20،553 މީހުންއަކީ އުމުރުން ދުވަސްވީ މީހުން ކަން ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

Ads by Hajj Corporation

މި އަހަރުގެ އިސްރަށްވެހިންގެ ދުވަހާ ގުޅިގެން މޯލްޑިވްސް ބިއުރޯ އޮފް ސްޓެސްޓިކްއިން އާންމުކުރި 2022 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިސް ރަށްވެހިންގެ ތެރޭގައި ގިނައީ 65 އަހަރާއި 74 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ 63 އިންސައްތަ މީހުންނެވެ. އަދި އިސް ރަށްވެހިންގެ ތެރެއިން 9 އިންސައްތަ މީހުންނަކީ 85 އަހަރުން މަތީގެ މީހުންނެވެ.

އިސްރަށްވެހިންގެ ތެރެއިން 65-74 އަހަރާ ދެމެދު މީހުންގެ ޖުމްލަ އަދަދު 13،003 އަށް އަރާއިރު އޭގެތެރެއިން ފިރިހެނުންނަކީ 6،668 އެވެ. އަދި އަންހެނުންނަކީ 6،335 އެވެ.

އިސްރަށްވެހިންގެ ތެރެއިން 75-84 އަހަރާ ދެމެދު މީހުންގެ ޖުމްލަ އަދަދު 5،774 އަށް އަރައެވެ. އޭގެތެރެއިން ފިރިހެނުންގެ އަދަދު 2،839 އަކަށް އަރާއިރު، އަންހެނުންގެ އަދަދަކީ 2،935 އެވެ.

އިސްރަށްވެހިންގެ ތެރެއިން 85 އަހަރުން މަތީގެ މީހުންގެ އަދަދު އަރަނީ 1،776 އެވެ. އޭގެ ތެރެއިން ފިރިހެނުންނަކީ 1،023 އެވެ. އަދި އަންހެނުން އަކީ 753 އެވެ.

އޭގެތެރެއިން 36 އިންސައްތަ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. އެއީ ޖުމްލަ 7،402 މީހުންނެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިސްރަށްވެހިންގެ ތެރެއިން ގިނަ މީހުން އުޅެނީ މާލޭގަ އެވެ. އެއީ 6،699 މީހުންނެވެ.

އިސްރަށްވެހިންގެ ތެރެއިން ގާތްގަނޑަކަށް 60 އިންސައްތަ މީހުން ކައިވެނިކޮށްގެން އުޅޭއިރު، އޭގެ ތެރެއިން 29 އިންސައްތަ މީހުންނަކީ އިނދެ ވަރިވެފައި ތިބި މީހުން ކަމަންވެސް ތަފާސް ހިސާބު ތަކުން ދައްކައެވެ.

އިސްރަށްވެހިންގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަކީ ޕްރައިމަރީ ފެންވަރުގެ ތައުލީމު ހާސިލް ކޮށްފައިވާ މީހުންނެވެ. އަދި އިސްރަށްވެހިންގެ ތެރެއިން ކޮންމެ 5 މީހަކުން އެކަކު ދުވަހަކު ސްކޫލަށް ގޮސްފައި ނުވާކަމަށްވެސް ތަފާސް ހިސާބު ތަކުން ދައްކައެވެ.

މަސައްކަތަށް ބަލާލާނަމަ އިސްރަށްވެހިންގެ ތެރެއިން 67 އިންސައްތަ މީހުންނަކީ އުފެއްދުންތެރިކަން (މިސާލަކަށް: ފަންގި ވިނުމާއި އަމިއްލަ ތަކެތި ހެދުން ފަދަ މައްސަކަތް ކުރާ) އަދި ދަނޑުވެރިކަމާއި ފޮރެސްޓްރީ އަދި މަސްވެރިކަމުގައި ހަރަކާތްތެރިވާ މީހުންނެވެ.

ތަފާސް ހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި އިސްރަށްވެހިންގެ ތެރެއިން ވަޒީފާގައި އުޅޭ މީހުންގެ އިންސައްތަ އަކީ 16 އެވެ. އަދި އިސްރަށްވެހިންގެ އާބާދީގެ ވަޒީފާ ނެތް މީހުންގެ އިންސައްތަ އަކީ 6 އެކެވެ.