ސ. ހަންކެޑެގައި ހިންގަން ނިންމާފައިވާ ބޮޑު އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓުގެ ދަށުން ތަރައްގީކުރާ ހޮޓާތައް މެނޭޖުކުރަން ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ހަންކެޑެ އަކީ މަރަދޫ އާއި ހިތަދޫއާ ދެމެދު އޮންނަ ތަނެކެވެ. އެތަން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ސަރުކާރުންވެސް މަސައްކަތް ކުރި އެވެ. އެހެންނަމަވެސް މަސައްކަތް ކުރިއަށް ނުގޮސް ހުއްޓައިލި އެވެ. އޭގެ ފަހުން އެމަޝްރޫއު ކުރިއަށް ނުގެންދެ އެވެ.
އޭގެ ފަހުން ހަންކެޑެ ތަރައްގީކުރުމުގެ ވާހަކަ ނިމިގެން ދިޔަ ސަރުކާރުގައި ވެސް ދެއްކި އެވެ. އަދި މިިދިޔަ އަހަރުގެ މާޗު މަހު އެ ތަން ފަތުރުވެރިކަމަށް ތަރައްގީކުރަން ޗައިނާގެ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެންއީއީސީ) އާ ހަވާލުވެސް ކުރި އެވެ. އަދި އެކަމަށް ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއްވެސް ނެގި އެވެ.
ނަމަވެސް މިހާތަނަށް ވެސް އަމަލީ މަސައްކަތް އޮތީ ނުފެށި އެވެ.
އޭގެ ދުވަސްތަކެއް ފަހުން މިއަދު މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނީ ހަންކެޑެގައި ހޮޓާތައް މެނޭޖުކުރަން މިހާރު ޓައިމް ހޮޓެލްސްއާއި ކޮންޑުއިޓް ހައުސްއާއެކު ސޮއިކޮށްފައިވާ ކަމަށެވެ.
ހަންކެޑެހެ ހޮޓާތައް މެނޭޖުކުރަން އެ ދެ ކުންފުންޏާ ހަވާލުކުރީ މިހާރު ޑުބާއީގައި މިހާރު ކުރިއަށްދާ ފިއުޗާ ހޮސްޕިޓާލިޓީ ސަމިޓުގެ ތެރެއިން އެެވެ.