އެޗްޕީއޭގެ ގައިޑްލައިންގެ ސަބަބުން އިންތިހާބު ބޭއްވުމުގެ ޚަރަދުތައް މިހާރު އިތުރުވާނެ : ޝަރީފް

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކުގެ ސަބަބުން އިންތިހާބު ބާއްވަން ހުރަސްތަކެއް ހުރުމުން މިއަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ނިންމު ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްޤީއާއިބެހޭ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އަޅަން މަޝްވަރާ ކުރަމުންދާ ވާހަކަ އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދޮގުކޮށްފިއެވެ.
"ދެން" އަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އިންތިހާބު ފަސްކުރަން މަޖިލިހަށް ހުށަހަޅަން އެކޮމިޝަނުން މަޝްވަރާ ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ހުށަހަޅަން މަޝްވަރާ ކުރަމުން މިދަނީ އެޗްޕީއޭގެ ގައިޑްލައިންތައް ނުކުތުމާ ގުޅިގެން ގައިޑްލައިންގައި ހުރި ގޮންޖެހުންތައް މަޖިލީހާ ހިއްސާ ކުރަން" އީސީ ޝަރީފު ވިދާޅުވިއެވެ.
އެކޮމިޝަންގެ ރައީސް އިތުރަށް ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންގެ ސަބަބުން އެންމެ ބޮޑުކަމަކަށް ކުރިމަތިވެފައި ވަނީ ބަޖެޓު މައްސަލަ ކަމަށެވެ. އެގޮތުން މިގައިޑްލައިނުތަކުގެ ސަބަބުން އިންތިހާބު ބޭއްވުމުގެ ޚަރަދު އިތުރު ވާނެ ކަމަށް ވެސް ޝަރީފު ފާހަގަ ކުރެއްވިއެވެ.
"އެންމެ ބޮޑުކަމަކީ މިހުށަހަޅާފަ އޮތް ގޮތުން ބަޖެޓުގެ މައްސަލަ. ޚަރަދު އިތުރުވާކަން. އެކަހަލަ ހުރި ދެތިން ކަމެއްގެ ވާހަކަ އަޅުގަނޑުމެން ހުށަހަޅާނީ" އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
އިންތިހާބާ ގުޅޭގޮތުން މިކަންކަން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ރައްޔިތުންގެ މަޖީލީހަށް ހުށަހަޅާނީ އަންނަ އާދީއްތަ ދުވަހު ކޮމިޝަންގައި މަޝްވަރާ ކުރުމަށްފަހު ކަމަށް ވެސް އީސީ ޝަރީފު ވިދާޅުވިއެވެ.