ރައްޔިތަކު ފުލުހުން ކައިރިއަށް ކަމަކު އައިސްފިނަމަ މާޔޫސްކޮށް ނުލާތި: ސީޕީ

ރައްޔިތަކު ފުލުހުން ކައިރިއަށް ކަމަކު އައިސްފިނަމަ މާޔޫސްކޮށް ނުކޮށްލަން ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު އިރުޝާދު ދެއްވައިފި އެވެ.
ސީޕީ އެހެން ވިދާޅުވީ ހއ. އަތޮޅަށް ކުރައްވަމުންދާ ގެންދަވާ ރަސްމީ ދަތުރުގައި ފުލުހުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގަ އެވެ.
ސީޕީ ވަނީ ރައްޔިތުންނާ ބައްދަލުވެ, އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވައި ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ވެސް އެދިލައްވާފަ އެވެ. އަދި ރަށްރަށުގެ ތަރައްގީގެ މަސައްކަތްތަކުގައި ފުލުހުންގެ ދައުރު މުހިންމުކަން ވެސް ސީޕީ ފާހަގަކުރެއްވި އެވެ.
އިއްޔެ ސީޕީ ވަނީ އެ އަތޮޅުގެ ދިއްދޫ، ކެލާ އަދި އުތީމަށް ޒިޔާރަތްކުރައްވާފަ އެވެ. އަދި މިއަދު ހއ. އަތޮޅުގެ އިތުރު ރަށްރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެ އެވެ.
އެ ޒިޔާރަތުގައި އެރަށްރަށުގެ ކައުންސިލް މެމްބަރުންނާއި ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ އަދި އެރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ސީޕީ ބައްދަލުކުރެއްވި އެވެ.
ފުލުހުންގެ ބުނީ ސީޕީގެ އެ ދަތުރުގެ މަގުސަދަކީ ރަށްރަށުގެ ކުށުގެ ހާލަތާއި ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުން ކަމަށެވެ.