ޚަބަރު ވިޔަފާރި

ބަންކަރިން ހިދުމަތް ހޯދާ ބޯޓުތަކުގެ ކުނި މެނޭޖްކުރުމުގެ ހިދުމަތް ވެމްކޯއަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ބަންކަރިން ހިދުމަތް ހޯދާ ބޯޓުތަކަށް ކުނި މެނޭޖް ކުރުމުގެ ހިދުމަތް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުން / ފޮޓޯ:ޕީއެސްއެމް

އުތުރު މެރިޓައިމް ހިދުމަތުގެ ތެރެއިން ބަންކަރިން ހިދުމަތް ހޯދާ ބޯޓުތަކަށް ކުނި މެނޭޖްކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އަދި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

Ads by MWSC

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސޮއިކުރި އެ މި އެއްބަސްވުމުގެ ދަށުން އުތުރުގެ މެރިޓައިމް ހިދުމަތްތައް ހޯދުމަށް އަންނަ ބޯޓުތަކަށް ކުނި އުކައިދިނުމުގެ ހިދުމަތް ވެމްކޯއިން ދޭނީ އެމްޕީއެލް އާ ގުޅިގެންނެވެ. ބޯޓުތަކުން ނަގާ ކުނި އެމްޕީއެލުން ހަވާލުކުރާނީ ވެމްކޯ އާ އެވެ. ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރާނީ އެ ކުންފުނިންނެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ކުރާނީ އެކަމަށް ހާއްސަ ފެސިލިޓީއެއް އެ ސަރަހައްދުގެ ރަށެއްގައި ގާއިމުކޮށްގެން ކަމަށެވެ. އަދި އެ ހިދުމަތާ އެކު ދެ ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުތުރު ގޭޓްވޭއަށް ބޯޓުތަކުން މި ކުނިތައް ޑިސްޗާޖް ކޮށްލާނީ. އެތަނުން ހަވާލުވާނީ ވެމްކޯ. ވެމްކޯއިން ގޮސް އެބޭފުޅުން ނައްތާލާ ގޮތަށް ކުރިއަށް ގެންދާނީ. ވެމްކޯ އާއެކު އެމްޕީއެލްގައި ޕްލޭންތަކެއް އެބަހުރި ވަކި ރަށެއްގައި މިކަމަށް ހާއްސަކޮށް ތަނެއް ހެދިގެން ކުރިއަށްދާ ގޮތަށް،" ވަޖީހް ވިދާޅުވި އެވެ.

ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވި ގޮތުގައި ބޯޓުތަކުން ކުނި ނެގުމުގެ އިތުރުން "ޔޫޒްޑް އޮއިލް" މެނޭޖްކުރުމުގެ ހިދުމަތް އެ ކުންފުނިން ދޭނެ ކަމުގަ އެވެ. އެކަމަށް ހާއްސަކޮށް ގާއިމުކުރާ ސެންޓަރުން ކުނިތައް ކުނބުރުދޫގައި ހަދާ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ގެންދެވޭނެ ކަމުގައި ވިދާޅުވި އެވެ.

"މިއީ ހަމަ ވަށާ ޖެހޭ ގޮތަށް އޮތް ކަމެއް. މިހާރު ވެސް ބޮޑެތި މަސައްކަތް ކުރަމުންދާ ކަމެއް. ކުނބުރުދޫގައި އަރައިފޭބުމުގެ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން،" މުޖުތަބާ ވިދާޅުވި އެވެ.

ހިދުމަތް ފަށާއިރު ހިދުމަތް ދިނުމުގެ މަސައްކަތް ކުރާނީ ކުޅުދުއްފުށީގައި ގާއިމުވެ ތިބޭ ވެމްކޯގެ މުވައްޒަފުންނެވެ. ކުނި އުފުލުމުގެ މަސައްކަތް ކުރާނީ ވެމްކޯގެ ލޭންޑިން ކްރާފްޓް ބޭނުންކޮށްގެންނެވެ. ވެމްކޯއިން އިތުރަށް ފާހަަގަކުރި ގޮތުގައި ހިދުމަތްތައް ފުޅާވާ މިންވަރަކުން ކަމާ ގުޅުންހުރި އިތުރު ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމުގަ އެވެ.

ރާއްޖޭގެ މެރިޓައިމް ދާއިރާ ފުޅާކޮށް، އިގުތިސޯދަށް ދިރުން ގެނެސްދޭނެ އިތުރު ސިނާއަތެއްގެ ގޮތުގައި އެ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އުތުރުން ދަތުރު ކުރަމުންދާ، ބޭރުގެ ބޯޓު ފަހަރަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް "އުތުރު މެރިޓައިމް ސާވިސަސް" ގެ ނަމުގައި ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައި ފެސިލިޓީއެއް ހުޅުވާފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އެ ފެސިލިޓީން މިވަގުތު ޖުމްލަ 14 ހިދުމަތެއް ދޭނެ އެވެ.

Ads by Ooredoo