މޯދީއާއި ރައީސް މުއިއްޒުގެ ބައްދަލުވުމުން ގުޅުން އާ މިސްރާބަކަށް ގެންދެވޭނެ: ޖައިޝަންކަރު

ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބާއްވަވާ ބައްދަލުވުމުން ދެ ގައުމުގެ ގުޅުން އާ މިސްރާބަކަށް ގެންދެވޭނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ރައީސް މުއިއްޒު އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ވަޑައިގެންނެވީ މިއަދު އެވެ.
އަދި ޖައިޝަންކަރު ވަނީ ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުމަށް ފަހު ޖައިޝަންކަރު އެކްސްގައި ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ރައީސް މުއިއްޒު ހުންނެވީ ސާބިތުކަންމަތީގައި ކަމަށާއި އެކަމުގެ އަގު ވަޒަން ކުރައްވާ ކަމަށެވެ.
އަދި މާދަމާ އިންޑިއާގެ ބޮޑުވަޒީރު މޯދީއާއެކު އޮންނަ ބައްދަލުވުމުން ރާއްޖެއާއި އިންޑިއާގެ ރަހުމަތްތެރިކަމުގެ ގުޅުން އާ މިސްރާބަކަށް ގެންދެވޭނެ ކަަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ޖައިޝަންކަރު ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނީ ޖައިޝަންކަަރާއެކު ބޭއްވި ބައްދަލުވުމުގައި ދެ ގައުމާ ގުޅުންހުރި ތަފާތު އެކި ކަންކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ދިޔަ ކަމަށެވެ.
ރައީސްގެ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން، މުމްބާއީއަށާއި ބެންގަލޫރަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.