މިއަހަރުގެ ދައްކަންޖެހޭ ސުކޫކުގެ ކޫޕަން ފައިސާ ދައްކައިފި

2021 ވަނަ އަހަރުގެ ތެރޭގައި ދިވެހި ސަރުކާރުން ސުކޫކުގެ ތެރެއިން މި އަހަރަށް ދައްކަން ޖެހޭ ސްކޫކު ކޫޕަންތައް ދައްކާ ނިންމައިފި އެވެ.
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީއިން ބުނީ މި އަހަރުގެ އެންމެ ފަހު ކޫޕަން މިއަދު ދައްކާފައިވާ ކަމަށެވެ.
2021 ވަނަ އަހަރުގެ ތެރޭގައި ދިވެހި ސަރުކާރުން ސުކޫކުގެ ގޮތުގައި 500 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ 2026 ވަނަ އަހަރުގެ ނިޔަލަށް އެ ފައިސާ އަނބުރާ ދައްކާ ގޮތަށެވެ. އެ ކޫޕަން ފައިސާތައް ދައްކަން ޖެހެނީ އަހަރަކު ދެ ފަހަރުގެ މަތިން ކަމަށްވާއިރު ކޮންމެ އަހަރަކު އެ ފައިސާ ދައްކަން ޖެހެނީ އޭޕްރީލް އަދި އޮކްޓޯބަރު މަހު އެވެ.
މިއަދު ދެއްކި ފައިސާއާއެކު ސުކޫކުގެ ގޮތުގައި ނެގި 50 މިލިއަން ޑޮލަރު މިހާތަނަށް ވަނީ ދެއްކިފަ އެވެ.
ފިނޭންސް މިނިސްޓްރީއިން ބުނީ ދަރަނި އަދާކުރުމަށް އަބަދުވެސް ސަރުކާރުން އިސްކަން ދޭނެ ކަމަށެވެ.
އޭގެ އިތުރުން ވަގުތަށް ސުކޫކު ކޫޕަންގެ ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމަކީ ދަރަންޏަށް ފައިސާ ދީފައިވާ ފަރާތްތަކަށާއި އިންވެސްޓަރުންނަށް ސަރުކާރުން ދަރަނި އަދާކުރަން ސަރުކާރުން ދޭ އަހަންމިއްޔަތުކަން ހާމަވާ ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެ އެވެ.
ސަރުކާރުން އެ ސުކޫކު ވިއްކާފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލާއި ވެލާނާ ބިލްޑިން އާއި މާލޭގެ އެހެނިހެނެއް ބައެއް ބިންތަކަށެވެ.