ރައީސް މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ދެ ބޭފުޅުން މިއަދު ބައްދަލުކުރެއްވި އިރު އެކި ކަންކަމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
އެގޮތުން އަންނަ އަހަރަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވަމުން ރައީސް ވަނީ ދެ ގައުމުގެ ދެމެދު ވިޔަފާރި އާއި ރަހުމަތްތެރިކަމުގެ ގުޅުމުގެ އެތައް ގަރުނެއްވީ ތާރީހެއް އޮތްކަން ފާހަގަކުރައްވާފަ އެވެ.
އަދި ރާއްޖެއަށް މެދުވެރިވާ ހައްސާސް ހާލަތްތަކުގައި އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން އިސްކަންދޭ ދިނުމުން އަންގައިދެނީ، ދެ ގައުމުގެ ދެމެދުގައި އިތުބާރު ޤާއިމުކުރެވިފައިވާ މިންވަރުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރުން ދެ ގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުމަކީ ދެ ގައުމެއްގެ ގުޅުން ބަދަހިކުރުމުގައި އަސާސީ ދައުރެއް އަދާކުރާ ކަމެއްކަން ފާހަގަކުރައްވަމުން އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންކާރް ވަނީ، ދެ ގައުމުގެ ދެމެދުގައި ގާއިމުވެފައިވާ ތާރީހީ ގުޅުން އަދާ ހަމައަށްވެސް ދެމިއޮތް ކަމީ، ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާ ގިނަ ދާއިރާތަކެއްގައި ދޭދޭ ފަރުދުން އެއްބައިވަންތަ ކުރުވާ ކަމެއް ކަމުގައި ފާހަގަކުރައްވާފަަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ދެން މަޝްވަރާކުރައްވާފައިވަނީ، ރައީސްގެ ދަތުރުފުޅުގެ ތެރެއިން ފެށިފައިވާ މުއަމަލާތްތަކުގެ އެހީގައި، ހުރިހާ ފެންވަރެއްގައިވެސް އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.