ޚަބަރު

ރައީސް މުއިއްޒުގެ ދައުވަތު ގަބޫލުކުރައްވައި މޯދީ ރާއްޖެ ވަޑައިގަންނަވަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ދައުވަތު ގަބޫލުކުރައްވައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަވަން ނިންމަވައިފި އެވެ.

Ads by MWSC

މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޮޑުވަޒީރާ ބައްދަލު ކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ, ރާއްޖެއާއި އިންޑިއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖެއަށް ދައުވަތު އަރުވާ ކަމަށެވެ.

ރައީސް މުއިއްޒުގެ ދަތުރުފުޅާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވީ ރައީސް މުއިއްޒުގެ ދައުވަތު މޯދީ ގަބޫލުކުރައްވާފައިވާ ކަމަށެވެ.

އަދި އެކަމުގައި އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން މޯދީ ރާއްޖެ ވަޑައިގެންނެވި އެވެ. އެއީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރެއްވުމަށް 2018 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތަށާއި 2019 ވަނަ އަހަރު ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.

ދެހާސް ނަވާރަވަނަ އަހަރު ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ވެސް އެމަނިކުފާނު ތަގުރީރުކުރެއްވި އެވެ.

Ads by Allied Insurance