ޚަބަރު

އިންޑިއާއާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވުމަށް އިތުރު ދޮރުތަކެއް ހުޅުވިއްޖެ: ހީނާ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކޮންގްރެސް އިން ބޭއްވި ޕްރެސްގައި ތަރުޖަމާނު ހީނާ ވަލީދު

އިންޑިއާއާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވުމަށް އިތުރު ދޮރުތަކެއް ހުޅުވިއްޖެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައީސްގެ ދަތުރުފުޅާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ވަރަށް ޒަމާންވީ ގުޅުމެއް ކަމަށެވެ.

އަދި މިއަދަކީ އެ ގުޅުމުގެ އާ ސަހުފެއް ހުޅުވިގެން ދިޔަ ދުވަސްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން އިންޑިއާއާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވުމަށް މަގުފަހިވެގެން ހިނގައްޖެ. އަދި މީހުންނާ އޮންނަ ގުޅުމާއި ވިޔަފާރިތަކާއި އޮންނަ ގުޅުން ބަދަހިވެ އިތުރަށް ހަރުދަނާވުމަށް ވަރަށް ގިނަ ދޮރުތަކެއް ހުޅުވެއްޖެ" ހީނާ ވިދާޅުވި އެވެ.
އިންޑިއާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އިންޑިއާއާއެކު އެއްބަސްވުންތަކެއްގައި ސޮއިވެސްކޮށްފަ އެވެ.
އޭގެ ތެރޭގައި ރާއްޖޭއިން އިންޑިއާއާއެކު 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން އިންޑިއާ ރުފީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމާއެކު އިންޑިއާގެ ރާޝްތްރިޔާ ރަކްޝާ ޔުނިވާސިޓީއާއި ރާއްޖޭގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްއާ ދެމެދު ވެވުނު އެއްބަސްވުމާއި ކޮރަޕްޝަން މަދުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އޮފް އިންޑިއާ ދެމެދު އެކުލަވާލި އެއްބަސްވުން ހިމެނެ އެވެ.

Ads by HDC