ޚަބަރު އިޖުތިމާޢީ ސަރުކާރު

މާލޭ ރައްޔިތުންގެ ހާލަތު ދެނެގަތުމުގެ ސާވޭއެއް ފަށައިފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

މާލޭ ރައްޔިތުންގެ ހާލަތު ދެނެގަތުމަށް ސާވޭއެއް މާލެ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.

Ads by Sosun Fihaara

"ރައްޔިތުންނާ ގާތުން" ނަމުގައި ފެށި އެ ސާވޭގެ ދަށުން އެހީތެރިކަން ބޭނުންވާ ރައްޔިތުންގެ ހާލަތު ދެނެގަނެ އެހީތެރިކަން ކައުންސިލުން ފޯރުކޮށްދޭނެ އެވެ.

އެ ސާވޭއަކީ މާލެ ސީޓީގެ އަންހެނުންގެ ތަރައްގީއަށްޓަކައި މަސައްކަތްކުރާ ކޮމިޓީން ކުރިއަށްގެންދާ ސާވޭއެކެވެ.

ސާވޭ ފައްޓަވައިދެއްވާ މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ކައުންސިލްތަކުން ރައްޔިތުން ގާތަށް ގޮސް، ރައްޔިތުންގެ ހާލު ބެލުމަކީ ކޮންމެ ދުވަހަކު ވެސް ކުރަންޖެހޭނެ ކަމެއް ކަމަށް، ދެކެވަޑައިގަންނަވާ ކަމަށެވެ.

" މި ފެށި ސާވޭގެ މަސައްކަތުގައި ރައްޔިތުން ދެއްވާ މައުލޫމާތުން، އެކި ގޭބީސީތަކުގައި ދިރިއުޅުއްވާ އެކި ކަހަލަ އެހީތެރިކަމަށް ބޭނުންވާ ރައްޔިތުން ދެނެގަނެވޭނެ ކަމަށާއި، އޭގެ ސަބަބުން އެ ފަރާތްތަކަށް އެހީތެރިވެ ދިނުމަށް މާލެ ސިޓީ ކައުންސިލުން ކުރަން ޖެހޭ އަދި ކުރެވޭނެ ކަންތައްތަކަކީ ކޮބައިކަން ދެނެގަނެވޭނެ"

އާޒިމް ވިދާޅުވީ ކައުންސިލުގެ އެންމެ މުހިންމު މަގުސަދަކީ، އަޅާލާ އޯގާތެރި މުޖުތަމައެއް ބިނާކުރުން ކަމަށެވެ. އަދި އެ ސާވޭ އަށް ރައްޔިތުން ތެދު އަދި ފުރިހަމަ މައުލޫމާތު ދިނުމަށް އާޒިމް އެދިވަޑައިގެންނެވި އެވެ.

ސިޓީ ކައުންސިލް އިން ބުނީ އާޒިމް އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ އެ ސާވޭގެ މަސައްކަތް، ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަސް، އާދީއްތަ ދުވަސް އަދި ބުދަ ދުވަހުގައި ދެ ދަންފަޅިއަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

އިތުރުން ބުނީ އެ މަސައްކަތުގައި މާލެ ސިޓީގައި ހިމެނޭ ގޮތައް 18 ދާއިރާ ބައިވެރިވާނެ ކަމަށެވެ.

އަދި 6 މަސް ދުވަހަށް ބާހާލައިގެން، ފަހަރަކު ދާއިރާއެއް ނިންމަމުންގޮސް، ހުރިހާ ދާއިރާއަކަށް އަންހެނުންގެ ކޮމެޓީގެ ބޭފުޅުން ޒިޔާރަތްކުރާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

Ads by Ooredoo