މިހާރުގެ ޖީލު ބަދަލުވަމުން އަންނަނީ ސޯޝަލް މީޑިޔާއާހުރެ: މޭޔަރު އާޒިމް
މިހާރުގެ ޖީލު ބަދަލުވަމުން އަންނަނީ ސޯޝަލް މީޑިޔާއާ ހުރެ ކަމަށް މާލޭގެ މޭޔަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ މުދައްރިސުންގެ ދުވަހަސް ފާހަގަކުރުމަށް، މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ޕްރީ ސްކޫލްތަކުގެ ވެރިންނާއި މުދައްރިސުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ ރައްޔިތުން އެ ބޭފުޅުން އިންތިހާބު ކުރައްވާފައިވަނީ އެންމެނާ ގުޅިގެން ރަނގަޅު މުޖުތަމައެއް ބިނާ ކުރުމަށް ކަމަށެވެ.
އެހެން ނަމަވެސް މިހާރު އިހުތިރާމްގެ ކަންކަން އޮތީ ވަރަށް ކުޑަކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން މަގުމައްޗަށް ކުނި އަޅާލަން ބޭނުންވީމަ އަޅާލުމަށް ބޭނުންކޮށްފަ އޮންނަ ޓިޝޫ ވެސް ވައްޓާލަން ބޭނުންވުމުން ހަމަ މަގުމައްޗަށް ވައްޓާލާ ކަމަށެވެ. އަދި ދުވަސްވީ މީހަކު މަގުމަތިން ދިޔަ ނަމަވެސް، އެ މީހަކަށް މަގުދެއްކުމެއް ވެސް ނޯންނަ ކަމަށެވެ.
"އިހުތިރާމް ކުރުމުގެ ކަންތައް މި އޮންނަނީ ވަރަށް ކުޑަކޮށް. އަޅުގަނޑުމެންނަށް ދެވެނިކޮށް އަޅުގަނޑުމެންނަށް އެ ނިމުނީ. މި ވަމުންދާ ގޮތް އަޅުގަނޑުމެން ޕްރީ ސްކޫލް ލެވެލުންފެށިގެން ދިރާސާކޮށް ބަލަންޖެހޭ'' މޭޔަރު ވިދާޅުވި އެވެ.
މޭޔަރު އިތުރަށް ވިދާޅުވީ މިހާރުގެ ޖީލު ބަދަލުވަމުން އަންނަނީ ސޯޝަލް މީޑިޔާއިން ފެންނަ ތަފާތު ކަންކަމުގެ ތެރެއިން ކަމަށެވެ. އެގޮތަށް އެ ކަންކަން ދިމާވުމުން ޅަ ޖީލުގެ ކުދިން ގަބޫލުކުރާ ކަންތައްތަކާއި، ދުވަސްވީ މީހުން ގަބޫލުކުރާ ކަންތައްތައް ދިމާނުވުމުން، މައްސަލަ ޖެހޭކަން ވެސް މޭޔަރު ފާހަގަކުރެއްވި އެވެ.
''އަޅުގަނޑުމެންނަށް އެބަ ފެނޭ މިހާރު ވަރަށް އޯޕަންކޮށް، ހުޅަގުގެ ގައުމުތަކުގައި ގަބޫލުކުރާ ބައެއް ގަބޫލުކުރުންތަކަކީ، އެއީ އަމިއްލަ ކަމެކޭ ދެކޭތަން، އެ ލެވެލްގައި މިހާރު ކުދިންގެ ވިސްނުންހުރީ. އަޅުގަނޑުމެންގެ އިސްލާމީ މުޖުތަމައަކަށް ނުގުޅޭ އެތައް ކަމެއް، އެ ކުދިންނަށް މައްސަލައަކަށް ނުވޭ، އެއީ މައްސަލައެއް ނޫނޭ" އާޒިމް ވިދާޅުވި އެވެ.