ޚަބަރު ރައްޔިތުންގެ މަޖިލިސް

ޒަމީރާއި ހަލީލު އަދި ނާޒިމަށް ރުހުން ހޯދަން ފޮނުވި މައްސަލަ ކޮމިޓީއަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ވަޒީރުންގެ މަޖިލިހަށް ސަރުކާރުން ގެނައި ބަދަލާ އެކު، އަލަށް އައްޔަން ކުރެއްވި ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި މައްސަލަ އާ މެދު ގޮތެއް ނިންމުމަށް ފޮނުވި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.

Ads by Sosun Fihaara

ވަޒީރުންގެ މަޖިލިހަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ބަދަލު ގެނެސްފައި ވަނީ އެ ދުވަހު ބޭއްވި އެ މަޖިލިހުގެ ބައްދަލުވުމަކަށް ފަހުގަ އެވެ.

އެ ބަދަލާ އެކު ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރުގެ މަގާމަށް، ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުالله ހަލީލު ފޮރިން މިނިސްޓަރަކަށް އަދި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމު ފުރުއްވަމުން ގެންދެވި އަބްދުﷲ ނާޒިމް އިބްރާހިމް ހެލްތު މިނިސްޓަރަކަށް އެ ދުވަހު އައްޔަންކުރެއްވި އެވެ.

އެ ބަދަލާ ގުޅިގެން މިނިސްޓަރުންގެ ގޮތުގައި މިނިސްޓްރީތަކަށް އައްޔަންކުރެއްވި ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފޮނުއްވާފަ އެވެ.

ޖަލްސާގައި ވަނީ އެ މައްސަލަ އާ މެދު ގޮތެއް ދިރާސާކޮށް ގޮތެއް ނިންމުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފަ އެވެ. މިނިސްޓަރުންނަށް ރުހުން ދޭނީ އެ ކޮމިޓީން ގޮތެއް ނިންމުމަށް ފަހު މަޖިލިހުގެ ތަޅުމަށް ހުށަހެޅުމުން ވޯޓަށް އަހައިގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!