ޚަބަރު

އެމްއާރުއެމް އުވާލުމުގެ ކުރިން ދަރަންޏެއް އޮތްތޯ ބަލަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްއާރުއެމްގެ ބާނީ ރައީސް މައުމޫނާއި ޕާޓީގެ ރައީސް. ދަރިކަލުން ފާރިސް

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީ، މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) އުވާލުމުގެ ކުރިން ދަރަންޏެއް އޮތްތޯ ބަލަން ނިންމައިފި އެވެ.

Ads by MWSC

އެމްއާރުއެމް އުވައިލަން މިިދިޔަ އަހަރުގެ މެއި މަހުވެސް އީސީން ނިންމި އެވެ. އެނިންމުމާއި މެދު ހިތްހަމަ ނުޖެހިގެން އެޕާޓީން ވަނީ ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ.

އެ ދައުވާ ކާމިޔާބުވެ އީސީގެ ނިންމުން ގޯސްކަމަށް ކޯޓުން ކަނޑައެޅި އެވެ. އަދި ޝަރީއަތުގެ ފީގެ ގޮތުގައި ހަރަދުވި 50،000ރ އެމްއާރުއެމްއަށް ދެއްކުމަށް އީސީގެ މައްޗަށް ހުކުމް ކުރި އެވެ.

އެ ނިންމުމަށް 6 މަސްވީ އިރު ވެސް މެމްބަރުން ހަމަ ނުވާތީ އެމްއާރުއެމް އުވައިލަން ނިންމިކަން އީސީން އިއުލާންުކުރީ މިދިޔަ އޮގަސްޓުމަހުގެ 25 ވަނަ ދުވަހު އެވެ.

އޭގެ ދުވަސްތަކެއް ފަހުން މިއަދު އީސީން ބުނީ އެމްއާރުއެމް އުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މިހާ ބަލަމުން ދަނީ އެ ޕާޓީގެ ދަރަންޏެއް އޮތްތޯ ކަމަށެވެ.

"މޯލްޑިވްސް ރިފޯމް މޫވްމަންޓް އިިން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، 2024 ނޮވެންބަރު 10 ވަނަ ދުވަހުގެ ނިޔަލަށް، އެ ޕާޓީގެ އޮފީސް (މއ.މާރާދައާގެ، 2 ވަނަ ފަންގިފިލާ، 7965444) އަށް، އެކަން ހުށަހަޅުއްވައި ނިންމެވުމަށް ދަންނަވަމެވެ." އީސީން މިއަދު ކުރި އިއުލާންގައި ބުނެފައިވެ އެވެ.

ގާނޫނު ބުނާ ގޮތުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދެމިއޮތުމަށް އެންމެ މަދުވެގެން 3،000 މެމްބަރުން ޕާޓީގައި ތިބެން ޖެހެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްއާރުއެމްގެ ފަރާތުން އެޕާޓީގެ ރައީސް ފާރިސް މައުމޫނު ވާދަކުރައްވަން ނިންމެވި އެވެ.

އެހެންނަމަވެސް ގާނޫނީ ގޮތުން ހުރަސްތަކެއް ހުރުމުން ފާރިސް ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ފާރިސްއަށް ލިބިވަޑައިގެންނެވީ 2،979 ވޯޓެވެ. ދެވަނަ ބުރުގައި ފާރިސް އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ކުރައްވާފައި ނުވެ އެވެ.

Ads by Allied Insurance