ޚަބަރު

7000 އަށްވުރެ ގިނަ ވަޒީފާތަކަށް މި ސަރުކާރުން ނެގި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު -- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން އެކި ފަރާތްތަކަށް 7000 އަށް ވުރެ ގިނަ ވަޒީފާ ދީފައިވާ ކަމަށް ބުނާ ބުނާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި އެވެ.

Ads by Hajj Corporation

މި ސަރުކާރުގެ ސިޔާސީ މަގާމުތަކާއި، ސަރުކާރުގެ ކުންފުނިތަކަށް 7،000 އަށްވުރެ ގިނަ މުވައްޒަފުން ނެގިކަމަށް ރާއްޖޭގެ ނޫހަކުން މިއަދު ވަނީ ރިޕޯޓްކޮށްފަ އެވެ.

ނަމަވެސް އެ ވާހަކަތައް ދޮގުކުރައްވައި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިޔާލަށް އަންނަހާ ވާހަކައެއް އެއްވެސް ހަގީގަތެއް ބަލައިލުމެއް ނެތި ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން ކަމަށެވެ.

އެގޮތުން ހަމައެކަނި ސަރުކާރު ކުންފުނިތަކަށް ބެލި ނަމަވެސް 2023 ވަނަ އަހަރުގެ ފަހު ކުއާޓާއަށް ވުރެ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދުން 1000 އަށްވުރެ ގިނަ މުވައްޒަފުން މަދުވެފައިވާކަން ޕީސީބީއިން ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ ކަމަށް ހީނާ ވިދާޅުވި އެވެ.

"މިފަދަ ދޮގު ހަބަރު ލިޔަނީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރެއްވުމަށާ، މިދިޔަ ފަސް އަހަރު ގައުމު ވައްޓާލާފައި އޮތް ދަރަނީގެ އަނދަވަޅުން ގައުމު ސަލާމަތްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅު ދިވެހި ރައްޔިތުން ބަލައިގަންނާތީ، ކަމުގެ ހަގީގަތް އޮޅުވާލަން." ހީނާ ވިދާޅުވި އެވެ.

ހަތް ހާހަށް ވުރެ ގިނަ މުވައްޒަފުން ނެގި ކަމަށް ބުނާ ވާހަކަތަކެއް މިއަދު ފެންމަތިވި އިރު ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމިކަން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވަނީ ހާމަވެސް ކުރައްވައިފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެ މުވައްޒަފުން ކުރިއަށް އޮތް 15 ދުވަސް ތެރޭގައި ވަކިކުރަން އަންގާފައިވާނެ ކަަމަށެވެ.

އޭގެ ތެރޭގައި 7 ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސެނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން 69 ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

Ads by Ooredoo