ޚަބަރު

ފިހާރައަކަށް ވަދެ ވަޅިން ބިރުދައްކައި ފޭރުނު މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އައްޑޫ ހިތަދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް.. ފޮޓޯ/ޓައިމްސް އޮފް އައްޑޫ

އައްޑޫ ސިޓީ, ހިތަދޫ ފިހާރައަކަށްވަދެ ސޭޓަށް ބިރުދައްކައި ފޭރުނު މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ފުލުހުންނަށް ރިޕޯޓްކުރި އެ މައްސަލައާ ގުޅިގެން ފުރަތަމަ ހައްޔަރުކުރީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ދެ މީހަކު ފިހާރައަށް ވަދެ، ސޭޓަށް ވަޅިންނާއި ދަގަނޑަކުން ބިރުދައްކައި ފައިސާ ފޭރޭ މަންޒަރެވެ. އަދި ވީޑިއޯގެ އަޑުން، ފޭރެން ދިޔަ މީހުން ހަޑި ހުތުރު ބަސް ބޭނުންކޮށް އިންޒާރުދޭ އަޑުވެސް އިވެ އެވެ.

Ads by Allied Insurance